25 Jul 2014, 22:11
ހެކަރެއް ކަމަށް ބުނެ އެމެރިކާގެ ސީކްރެޓް ސާވިސް އެޖެންޓުން ރާއްޖެ އިން ހައްޔަރުކުރި ރަޝިޔާގެ ރޯމަން ވަލެރިވިޗް ސްލެޒްނޯވްގެ މައްސަލައިގައި ރާއްޖޭން ދިން ތަފުސީލު ގަބޫލު ނުކުރެވޭ ކަމަށް ރަޝިއާ އިން ބުނެފި އެވެ.
ރަޝިޔާ ފޮރިން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުށްވެރިން ބަދަލުކުރުމާ ބެހޭ ގާނޫނެއް ރާއްޖޭގައި ނެތުމަކީ ވިއެނާ ކޮންވެންޝަނާ ހިލާފަށް އަމަލުކުރުމަށް އޮތް އުޒުރެއް ނޫން ކަމަށެވެ.
'
"ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ (އެހެން ގައުމެއްގެ މީހަކު) ބޭރުކޮށްލުމުގައި މިހާރު ދިމާވެގެން އުޅޭ މައްސަލަ ރާއްޖޭގެ ގާނޫނުގައި ނެތް ކަމަށެވެ. އެހެންވެ އަމަލު ކުރަނީ ކުރިން އަމަލުކުރަމުން އައި އުސޫލުތަކާ އެއްގޮތަކަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ. މިތަފުސީލުތަކާ މެދު ހިތްހަމައެއް ނުޖެހެ އެވެ،" ރަޝިޔާގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ރަޝިޔާގެ ރައްޔިތުންނަށް ގޮވާލާފައި ވަނީ އެހެން ގައުމަކުން ތުހުމަތެއް ކުރާ ފަދަ ކަމެއް މެދުވެރިވެފައިވާ ނަމަ ރާއްޖެ އަށް ދަތުރު ނުކުރުމަށެވެ.
ރަޝިޔާގެ ޕާލަމެންޓް މެމްބަރެއް ކަމަށްވާ ވަލެރިވިޗް ސްލެޒްނޯވްގެ ދަރިއެއް ކަމަށްވާ ރޯމަން ވަލެރިވިޗް ސްލެޒްނޯވް މިމަހުގެ ފަސް ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިން މިމަހުގެ ހަތް ވަނަ ދުވަހު ބުންޏެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮންތަނެއްގައި ކަމެއް އެބަޔާނުގައި ނުބުނެ އެވެ. އޭގެ ފަހުން މި މަހުގެ އަށް ވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ ހަވަނަ ދުވަހު ގުއާމްގައި ކަމަށެވެ.
ނަމަވެސް ސްލެޒްނޯވްގެ އަންހެނުންނާއި އޭނާގެ ވަކީލު ބުނެފައި ވަނީ އެމެރިކާގެ ސީކްރެޓް ސާވިސް އެޖެންޓުން އޭނާ ހައްޔަރުކުރީ ރާއްޖޭގައި ކަމަށެވެ. އަދި އެމެރިކާ އިން ޗާޓަރްކުރި ޖެޓެއްގައި އޭނާ ގުއާމަށް ގެންދިޔައީ ކަމަށެވެ.
ރަޝިއާ އިން ވަނީ ރާއްޖެ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވަނީ ސްރީލަންކާގައި ހުންނަ ރަޝިޔާ އެމްބަސީ އަށް ވަޑައިގެން މައުލޫމާތު ދެއްވައިފަ އެވެ.