ކޮމަންވެލްތު ގޭމްސްގެ ފުރަތަމަ ދެ ދުވަސްތެރޭ ރާއްޖޭގެ ފެތުންތެރިން ގައުމީ ރެކޯޑްތަކެއް މުގުރާލައިފި އެވެ.

ސްކޮޓްލެންޑްގެ ގްލާސްގޯގައި މިދިޔަ އަންގާރަ ދުވަހު ފެށި ކޮމަންވެލްތު ގޭމްސްގެ ދެވަނަ ދުވަހު ފެތުމުގެ އިވެންޓްތަކުގެ ތެރެއިން ރާއްޖޭގެ ފެތުންތެރިއަކު ގައުމީ ރެކޯޑެއް މުގުރާލި އިރު، ފުރަތަމަ ދުވަހު ރާއްޖޭގެ ފެތުންތެރިން ވަނީ ތިން ރެކޯޑެއް މުގުރާލައިފަ އެވެ.

މުބާރާތުގެ ދެވަނަ ދުވަހު ކުރިއަށްދިޔަ 200 މީޓަރު ފްރީސްޓައިލް އިވެންޓު 02:12:60 އިން ނިންމައިގެން ނިޝްވާން އިބްރާހިމް ވަނީ 2009 ވަނަ އަހަރު ހަސަން އިނާޔަތު ހެދި ގައުމީ ރެކޯޑު މުގުރާލައިފަ އެވެ. ކުރިން އިނާޔަތު އެ އިވެންޓްގެ ރެކޯޑު އާކޮށްފައި ވަނީ 02:18:63 އިން އިވެންޓް ނިންމައިގެންނެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ރާއްޖޭގެ ފެތުންތެރިން ގައުމީ ތިން ރެކޯޑެއް މުގުރާލި އިރު، އަންހެނުންގެ 200 މީޓަރު ފްރީ ސްޓައިލް އިވެންޓު 02:28:45 އިން ނިންމަައިގެން އައިމިނަތު ސަޖަން މުގުރާލީ މިދިޔަ އަހަރު އޭނާ ހެދި ގައުމީ ރެކޯޑެވެ.

އަންހެނުންގެ 50 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓު 00:40:81 ސިކުންތުން ނިންމައިގެން އައިޝަތު ސާޖިނާ ވަނީ 2006 ވަނަ އަހަރު މަރިޔަމް ނަފުހާ އަލީ ހެދި ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. އަދި ފިރިހެނުންގެ 50 މީޓަރު ބަޓަފްލައި އިވެންޓު 00:27:79 އިން ނިންމައިގެން، ނިޝްވާން އިބްރާހިމް ވަނީ 2009 ވަނަ އަހަރު މުޖާހިދު މުހައްމަދު ހަދައިފައިވާ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.

އަންނަ މަހު ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން ތަފާތު ފަސް ކުޅިވަރެއްގައި 51 އެތުލީތުން ބައިވެރިވެފައި ވެއެވެ.