25 Jul 2014, 21:35
ކޮކާ ކޯލާ ވެޓެރަންސް ކަޕުގެ ސެމީ ފައިނަލުގައި ބީޖީ ސްޕޯޓްސް ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އިން ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
ލައިފް ބޯއީ އެއް ނަމްބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ދެ ލަނޑު ޖަހައި ލީޑު ހޯދީ ޑީއެސްސީއިންނެވެ. ފަހު ހާފުގައި ޑީއެސްސީ ޓީމްގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިިގެން ގޯލް ކުރިމަތިން ލިބުނު ހިލޭ ޖެހުމަކުން ބީޖީއިން ވަނީ ލަނޑެއް ޖަހައި ޑީއެސްސީއިން ދަމަހައްޓަމުން ދިޔަ ލީޑު ހަނިކޮށްފަ އެވެ. އަދި ފަހު ހާފު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް ޑީއެސްސީއިން ލަނޑެއްޖަހާ އަލުން ލީޑު ފުޅާކުރި އެވެ.
މި މެޗުގައި ޑީއެސްސީ އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޝާހު އިސްމާއީލާއި އަބްދުﷲ ޝާހިދު އަދި މުހައްމަދު ރަމީޒެވެ. ބީޖީއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ އިސްމާއީލް މުހައްމަދެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ޑީއެސްސީގެ އިބްރާހީމް ނާޒިމެވެ.
ވެޓެރަންސް ކަޕުގެ ފައިނަލުގައި ޑީއެސްސީ ބައްދަލުކުރާނީ މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ސޮކާ ވެޓެރަންސް އެސޯސިއޭޝަނާ ދެކޮޅަށެވެ. ފައިނަލް މެޗް ކުޅޭނީ އަންނަ އާދީއްތަ ދުވަހު ހަވީރު 04:30 ގަ އެވެ.