25 Jul 2014, 21:25
ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ އިންސާފު ގާއިމްކުރުމަށް ހުރަސް އެޅިދާނެ ފަދަ ގޮތަކަށް ޕަބްލިކް ފޯރަމް ބޭއްވުމާއި މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅައި، "ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ" އާ ގަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލައި އާންމުކޮށްފި އެވެ.
ސުޕްރީމް ކޯޓުން އާންމުކޮށްފައިވާ އެ ގަވާއިދުގައި ބުނެފައި ވަނީ ކޯޓެއްގައި ބަލަމުންދާ މައްސަލައަކާ ބެހޭ ގޮތުން އެ މައްސަލައެއްގައި ދައުވާ ކުރާ ފަރާތުގެ ނުވަތަ ދައުވާ ލިބޭ ފަރާތުގެ ހައްގަށް އުނިކަން އަންނަ ގޮތަކަށް ނުވަތަ އެ މައްސަލާގައި އިންސާފު ގާއިމްކުރުމަށް ހުރަސް އެޅިދާނެ ފަދަ ގޮތަކަށް ނުވަތަ އެ މައްސަލާގައި ކޯޓުން ނިންމަން ޖެހޭ ނިންމުމަކަށް ނުފޫޒު ފޯރާނެ ގޮތަކަށް ޕަބްލިކް ފޯރަމް ބޭއްވުމާއި މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ.
އެ ގަވާއިދުގައި ކޯޓުގެ ހުރުމަތް ކަނޑާލުމުގެ އަމަލުތަކަކީ ކޮބައިކަން ވަނީ ހިމަނާފަ އެވެ. އެގޮތުން ކޯޓުތަކާ ބެހޭ ގޮތުން ނުވަތަ އަދުލުއިންސާފު ގާއިމްކުރުމުގެ ދާއިރާގެ ނުބައި ތަސައްވުރެއް ދިނުން ނުވަތަ ދޭން މަސައްކަތް ކުރުމަކީ ވެސް ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
އަދުލުއިންސާފުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް މަގުފަހި ވެދާނެ ގޮތަކަށް ނުވަތަ އަދުލުއިންސާފުގެ ދާއިރާގެ އިތުބާރު ގެއްލޭ ގޮތަށް ވާހަކަ ދެއްކުމާއި މައުލޫމާތު އާންމު ކުރުމަކީ ވެސް ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް އެ ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ.
ކޯޓަކަށް ނުވަތަ ފަނޑިޔާރަކަށް ފާޑުކިޔައި އެއްޗެތި ގޮވުން ނުވަތަ ކޯޓެއްގެ ނުވަތަ ފަނޑިޔާރެއްގެ ގަދަރާއި ކަރާމާތް ގެއްލޭފަދަ އެއްވެސް އަމަލެއް ހިންގުމަކީ ވެސް ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް އެ ގަވާއިދުގައި ވަނީ ކަނޑައަޅައިފަ އެވެ.
އެ ގަވާއިދުގައި ބުނެފައިވާ ގޮތުން ކޯޓުން ބޭރުގައި ހިންގޭ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލަތައް ދައުލަތުގެ ފަރާތުން ދައުވާ ކުރުމުން ވެސް ކޯޓުން ބެލޭނެ އެވެ. އަދި ދައުލަތުން ދައުވާ ނުކުރިއަސް އެފަދަ މައްސަލައެއް ރައްދުވާ ކޯޓަކުން އިސްނަގައިގެން އެ މައްސަލައެއް ބެލިދާނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ.
އެ ގަވާއިދުގައި ބުނާ ގޮތުން ކޯޓުގެ ހުރުމަތް ކަނޑާލި މީހަކަށް ދޭންވާނީ ކޯޓުތަކާ ބެހޭ ގަނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކެވެ. އެގޮތުން 10،000 ރުފިޔާ އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 15 ދުވަހަށް ވުރެ ގިނަ ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ އެއް މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމަކީ އެކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކެވެ.