ހދ. ކުޅުދުއްފުށީގައި ޕާސްޕޯޓުގެ ޚިދުމަތް މިއަދު ތައާރަފްކޮށްފި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ މިރޭ "ސަން"އަށް ވިދާޅުވީ، ކުޅުދުއްފުށީގައި ޕާސްޕޯޓުގެ ޚިދުމަތް ތައާރަފްކޮށްފައި ވަނީ މިއަދު 2:00 ގައި އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

އެ ރަސްމިއްޔާތުގައި އިމިގްރޭޝަން ނޮދަން ރީޖަލަން އޮފީހުގެ ނަމުގައި އެރަށުގައި އިމިގްރޭޝަންގެ އިދާރާއެއް ހުޅުވާފައި ވާ ކަމަށް ކޮންޓްރޯލަރު ވިދާޅުވި އެވެ.

ކޮންޓްރޯލަރު ވިދާޅުވީ ޕާސްޕޯޓަށް އެދި ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގައި ކުޅުދުއްފުށިން ޕާސްޕޯޓު ދޫކުރާނެ ކަމަށެވެ. އަދި ޕާސްޕޯޓަށް އެދި ފޯމް ހުށަހެޅުމަށާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ހޮނިހިރު ދުވަހު ވެސް ކުޅުދުއްފުށިން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވިދާޅުވީ، ކުޅުދުއްފުށީގައި ތާއާރަފު ކުރެވުނު އިމިގްރޭޝަނާ ގުޅޭ ޚިދުމަތްތަކުގެ ސަބަބުން ލުއި ފަސޭހަތައް ލިބިގެންދާނީ ހަމައެކަނި ކުޅުދުއްފުށީގެ ރައްޔިތުންނަށް ނޫންކަމަށާއި ކުޅުދުއްފުށީގެ ރައްޔިތުންނާއެކު އެ ސަރަހައްދުގެ ގިނަ ރައްޔިތުން ތަކަކަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

ކުޅުދުއްފުށީގައި ޕާސްޕޯޓް ހަދައިދިނުމުގެ ޚިދުމަތް މިއަދު ފައްޓާފައި ވާއިރު، މިމަހުގެ 23 ވަނަ ދުވަހު އައްޑޫ ސިޓީގައިވެސް ޕާސްޕޯޓް ހަދައިދިނުމުގެ ޚިދުމަތް ވަނީ ފައްޓާފައެވެ.

އިމިގްރޭޝަންގެ ޚިދުމަތްތައް ތައާރަފު ކުރުމަށްޓަކައި ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ހދ. އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާސިރުވެސް ބައިވެވަޑައިގަތެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ހއ. ދިއްދޫ އާއި ޏ. ފުވައްމުލަކުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ތައާރަފް ކުރެވިގެންދާނެ ކަމަށެވެ.