13 Jan 2011, 00:31
މާލެ ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި "އެމްޑީޕީން ދެން ހުސް ޖާގައަކަށް ކުޅިއެއް ނުކުޅޭނެ" ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލެއްވެވި ބޭފުޅެއް ކަމުގައިވާ މުހައްމަދު ފަލާހުގެ ޖަގަހަ ހުޅުވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މާލޭގެ ހާލަތު ބަދަލުކޮށްލޭވެނެ ކަމަށެވެ. މާލެ ބަދަލު ކުރުމަށް ބޭނުންވާ ވިސްނުމާއި މާލެއަށް ގެންނަން ބޭނުންވާ "ކުލަ" ވަރަށް ސާފުކޮށް އެނގޭކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
~
"މާލޭ ގެ ހާލަތު ބަދަލުކުރުމަށް މާލެއަށް ގެންނަން ބޭނުންވާ ކުލަ ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެބަ އެނގޭ. އަޅުގަނޑުމެން މި މަސައްކަތައް ނުކުމެ މިތިބެނީ ގެންދާންވީ ގޮތް ނޭގިއެއް ނޫން. ނޫނީ ހަދާނެގޮތް ވެސް ނޭނގިއެއް ނޫން. އެމްޑީޕީއެއް ދެން ހުސް ޖާގައަކަށް ކުޅިއެއް ނުކުޅޭނެ."
މާލޭގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނަކީ ފަގީރުކުންކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެއީ އެމްޑީޕީއަށް ސާފުވެފައިވާ ބޮޑު އެއް ހަގީގަތް ކަމަށެވެ. އެ މަނިކުފާނު އަދި ވިދާޅުވީ އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކީ މާލެ އާއި އަތޮޅު ތަކުގެ ރައްޔިތުންނަށް އިޖްތިމާއި ރައްކާތެރިކަން ހޯދައި ދިނުން ކަމަށެވެ.