25 Jul 2014, 17:53
އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަށް ހުއްޓުވުމަށް އދ.ގެ ސަލާމަތީ މަޖިލީހުން އަވަސް އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓަރު ދުންޔާ އެހެން ވިދާޅުވެފައި ވަނީ، އިސްރާއިލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ހިމާޔަތް ހޯދުމަށް ފަލަސްތީނުގެ އާންމު ރައްޔިތުންގެ ގިނަ އަދަދެއްގެ ބަޔަކު ވަދެތިބި އދ.ގެ ސްކޫލަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބޮންއަޅައި ތުއްތު ކުއްޖަކާއެކު ގާތްގަނޑަކަށް އާންމުންގެ 30 މީހަކު ޝަހީދުކޮށްލި ހާދިސާ ކުއްވެރި ކުރައްވައި ނެރުއްވު ބަޔާނެއްގައެވެ.
ޣައްޒާގެ ރައްޔިތުން ހިމާޔަތް ހޯދުމަށް ގޮސްތިބޭ އދ. ސްކޫލު ހުރި ތަނުގެ "އެގްޒެކްޓް ކޯޑިނޭޓްސް" އިސްރާއީލުގެ އަސްކަރިއްޔާއަށް އދ.އިން ދީފައި ވަނިކޮށް އެތަނަށް އަމާޒުކޮށް ބޮންއަޅައި އިސްރާއީލު ސިފައިން ހިންގާފައިވަނީ، "ވަރަށް ލަދުވެތި އަދި ދަށު ދަރަޖައިގެ އަމަލެއް"ގެ ގޮތުގައި ފޮރިން މިނިސްޓަރު ވަނީ ސިފަކުރައްވައިފައެވެ.
އެކަމަނާ ވިދާޅުވީ، އިސްރާއީލުން ފާޅުގައި ހިންގަމުންދާ މިފަދަ ޖަރީމާ ތަކުގެ ސަބަބުން ވެސް އެގައުމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުން އަވަސް އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިފައި ވާ ކަން ހާމަވެގެން ގޮސްފައި ވާ ކަމަށެވެ.
އިސްރާއީލުން ހިންގަމުން ގެންދާ ގަތުލުއާންމުތައް ހުއްޓުވުމަށާއި، ހަނގުރާމަ ހުއްޓާލައި ޣައްޒާގެ ބިންތަކުން ޔަހޫދީ ސިފައިން ބޭލުމަށް އެގައުމަށް ޕްރެޝަރު ކުރުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު މިފަދަ ބަޔާނެއް ނެރުއްވާފައި ވާއިރު، އިސްރާއީލުން މިހާރު ފަލަސްތީނުގައި ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތައް ބަލައި ތަހުގީގުކުރުމަށް ބައިނަލްއަގްވާމީ އިންކުއަރީ ކޮމިޝަނެއް އެކުލަވާލުމަށް ރާއްޖޭގެ ވޯޓާއެކު އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ވަނީ، މިދިޔަ ބުދަދުވަހު ފާސްކޮށްފައެވެ.
އިސްރާއީލުން ހިސާރުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އެގައުމުން މިހާރު ހިންގަމުންދާ އުދުވާނުގައި ޝަހީދުކޮށްފައިވާ މީހުންގެ އަދަދު 807 އަށް އަރައެވެ. އެގޮތުން އިއްޔެ އެކަނި ވެސް އިސްރާއީލުން ވަޔާއި އެއްގަމު މަގުން ޣައްޒާއަށް ދިން ހަމަލާތަކުގައި 119 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ދެމުން ގެންދާ ލާއިންސާނީ ހަމާލާތައް ކުށްވެރިކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނީ މިއަދުން ފެށިގެން އިސްރާއީލުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމުގެ ސިޔާސަތު ތަންފީޒު ކުރަން ފަށައިފައެވެ.