25 Jul 2014, 16:01
އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިއާ( އައިއެސްއައިއެސް)ގެ ނަމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން އިރާގާއި ސޫރިޔާއިން ބައެއް ކޮންޓްރޯލްކޮށް، ވަކި ދައުލަތެއްގެ ގޮތުގައި އިއުލާންކޮށްފައިވާ "އިސްލާމިކްސް ސްޓޭޓް" (އައިއެސް)ގެ ދަށުގައިވާ ސަރަހައްދުތަކުގައި އުޅޭ ހުރިހާ އަންހެނުން ހިތާނުކުރުމަށް އެންގި ކަމަށް ބުނެ ފަތުރާފައިވާ ލިއުމަކީ "ފޭކް" ލިއުމެއްކަން އެނގިއްޖެއެވެ.
އައިއެސްގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ހުރިހާ އަންހެނުންނާއި އަންހެން ކުދިން ހިތާނުކުރަން އެޖަމާއަތުން އަންގާފައިވާ ކަމަށް އިއްޔެ ބުނީ އިރާގުގެ ކުރުދީން ކޮންޓްރޯލް ކުރާ ކުރުދިސްތާންގެ ވެރިރަށް އިރުބީލްގައި ހުރި ޔުނައިޓެޓްނޭޝަންސް (ޔޫއެން) ގެ ރެޕްރެޒެންޓެޓިވް ޖެކްލިން ބޭޑްކޮކް އެވެ. އޭނާ އިއްޔެ ބުނެފައި ވަނީ އެކަމުގެ ސަބަބުން ހަތަރު މިލިޔަން އަންހެނުންނަށް ނުރައްކާ ވާނެ ކަމަށެވެ.
ނަމަވެސް އައިއެސް އިން އެކަމަށް އަމުރުކުރިކަމުގެ ހެއްކެއްގެ ގޮތުގައި ޖެކްލިން ބެލީ ސޯޝަލް މީޑިއާގައި ދައުރުވާ ލިއުމެއް ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް އެ ލިއުމަކީ އައިއެސްގެ ލިއުމެއް ނޫން ކަމާއި ބަޔަކު އުފައްދާފައިވާ "ފޭކް" ލިއުމެއްކަން ފްރާންސްގެ ނިއުސް އެޖެންސީ "ފްރާންސް 24 " އިން ވަނީ ފާހަގަކޮށްފިއެވެ.
އެލިއުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފެތުރި އިރު ބުނެފައި ވަނީ އެއީ އައިއެސްއައިއެސްގެ ލިއުމެއް ކަމަށެވެ.
އެލިއުމަކީ އަސްލެއް ނޫންކަން އެނގޭ ކަންކަމުގެ ގޮތުގައި އެ އެޖެންސީން ފާހަގަކޮށްފައިވާ އެއް ކަމަކީ އޭގައިވާ ތާރީހެވެ. ލިއުމުގައިވާ ތާރީހަކީ ޖުލައި 11، 2013 އެވެ. އަނެއް ކަމަކީ އެޑްރެސް ކަމަށް ޖަހާފައި ވަނީ ސޫރިޔާގެ އަޒާޒް އާއި ހަލަބް އެވެ. އެދެރަށަކީ މިހާރު އައިއެސްގެ ބާރުގެ ދަށުގައި އޮތް ރަށްތަކެއް ނޫނެވެ.
ތިން ވަނަ ކަމަކީ ލިއުމުގައި "ހަލީފާގެ ފަރާތުން" މިހެން އޮތުމެވެ. ނަމަވެސް އައިއެސްއައިއެސް އިން އެމީހުންގެ ލީޑަރު އަބޫބަރުކު އަލް ބަޣުދާދީއަށް ހަލީފާ އޭ ކިޔަން ފެށީ އެމީހުން ކޮންޓްރޯލްކުރާ ސަރަހައްދަކީ ހިލާފަތެއް ކަމަށް މި ރޯދަމަހު އިއުލާން ކުރިފަހުންނެވެ.
ފްރާންސް 24 އިން ބުނީ އައިއެސް އިން އެފަދަ އަމުރެއް ކުރިކަން ނޭނގޭ ކަމަށް އެޖަމާއަތުގެ ދަށުގައިވާ ސަރަހައްދުގެ އާއްމުން ބުނާ ކަމަށެވެ. އަދި ބުނީ ޖެކްލިން ބޭޑްކޮކްގެ ބަޔާން ނެރެފައި ވަނީ ކޮން އަސްލެއްގެ މައްޗަށްތޯ އޮޅުން ފިލުވައި ދިނުމަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް އަދި ޖަވާބެއް ނުދޭ ކަމަށް ވެސް ބުންޏެވެ.