25 Jul 2014, 15:47
ދިވެހިރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ޝަރީއަތަށް ފޮނުވައިފި އެވެ.
ޕްރޮސިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
އީރާނުގެ ހޮރުމޯޒު ބޯޓުން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ، ޑިންގީއެއްގެ ކައްޅި ތަކުގެ ތެރެއަށްލައި ފައިބަރުޖަހައި ބަންދުކޮށްގެނެވެ. އެތަކެތި ބަލައި ހޮރުމޯޒު ބޯޓަށް ދިޔަ ފުލުހުން އަތުލައިގަތީ، އއ. މަތިވެރިއާ ދިމާލުން 30 ނޯޓިކަލް މޭލު ބޭރުން މަސްތުވާތަކެތި ފޮރުވާފައިވާ ޑިންގީ ހިފައިގެން ދޯނީގައި އައިސް ހުޅުމާލެއަށް ފޭބިވަގުތު އެވެ.
މަސްތުވާތަކެތީގެ އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ، ފުލުހަކާއި މަސްތުވާތަކެތި ބަލައި ދިޔަ ދޯނީގެ ކެޕްޓަނާއި ބަންގްލަދޭޝްގެ މީހަކު ވެސް ހައްޔަރުކޮށްފަ އެވެ.
މަސްތުވާތަކެތި ހިފައިގެން ރާއްޖެ އައި ހޮރުމޯޒު ބޯޓުގައި ތިބި ޕާކިސްތާނުގެ 11 މީހަކު ވެސް އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގު ނިމުނުއިރު އެމީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިނުވާތީ އެ އެންމެން މިހާރު ވަނީ ޑީޕޯޓުކޮށްލާފަ އެވެ.