25 Jul 2014, 14:47
ޗެލްސީގެ ކުރީގެ ތަރި ޑިޑިއާ ޑްރޮގްބާ އަލުން ގެނައުމަށް އެކްލަބުން ވިސްނަމުންދާ ކަމަށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ޑްރޮގްބާ ނުވަ އަހަރު ދުވަހު ހޭދަކުރި ކްލަބު، ޗެލްސީ ދޫކޮށްލީ އެކްލަބަށް ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްދިނުމަށް އެހީތެރިވެދިނުމަށް ފަހު އެވެ. މިދިޔަ ސީޒަން ނިމުމާއެކު ޑްރޮގްބާ އެންމެ ފަހުން ކުޅުނު ގަލަތަސަރާއީއާ އެކު ހަދާފައިވާ އެއްބަސްވުން ވަނީ ހަމަވެފަ އެވެ.
އުމުރުން 36 އަހަރުގެ އައިވަރީ ކޯސްޓް ފޯވަޑް، ޑްރޮގްބާ އަށް އަދިވެސް ޕްރިމިއާ ލީގުގައި އޭނާގެ ނުރައްކާތެރިކަން ދައްކާލެވިދާނެ ކަމަށް މޮރީނިއޯ ގަބޫލުކުރެ އެވެ.
"އަހަރެމެން އެކަމާ މެދު ވިސްނާނަން،" ޗެލްސީއަށް އަލުން ޑްރޮގްބާ ގެނައުމާމެދު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ. "އަހަރެމެން ބޭނުންވަނީ މެޗުތަކުން މޮޅުވެ، މުބާރާތްތައް ކާމިޔާބުކުރަން. އަދި ޑްރޮގްބާއަކީ ޔޫރަޕްގެ އެންމެ މޮޅެތި ފޯވަޑުންގެ ތެރެއިން އެކަކު. އޭނާ އަށް އަދިވެސް ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކާލެވިދާނެ،"
"ޑްރޮގްބާ ގެންނަންޏާ ގެންނާނީ ކޮންމެހެން އޭނާ ޗެލްސީގެ ތާރީހުގައި އެންމެ މުހިންމު ލަނޑު ކާމިޔާބުކޮށްދިނީމައެއް ނޫން. ނުވަތަ އެއީ އަހަރެންނަށް އެސިސްޓަންޓަކު ބޭނުންވާތީއެއް ވެސް ނޫން. އޭނާ އެނބުރި ގެންނަ ނަމަ، އެ ނިންމުން އަވަހަށް ނިންމަން ޖެހޭނެ. އެއީ އަދިވެސް އޭނާއަކީ ޓީމު އިތުރަށް ވަރުގަދަ ކުރެވޭނެ ފެންވަރު ހުރި ކުޅުންތެރިއެއް. ޓީމު ހަމައެކަނި ބިނާވަނީ އެގާރަ ކުޅުންތެރިންގެ މައްޗަކަށް ނޫން."
ޑްރޮގްބާ ވަނީ ޗެލްސީއާއެކު 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން އެކްލަބާ އެކު އޭނާ ވަނީ ދެ ސީޒަނެއްގެ ޕްރިމިއާ ލީގާއި ދެ ސީޒަނެއްގެ އެފްއޭ ކަޕް އަދި ދެ އަހަރެއްގެ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެވެ.