އިސްރާއީލުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މިއަދުން ފެށިގެން ހުއްޓާލާފައިވާ ކަމަށް ކޮމިޝަރު ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އަހްމަދު މުހައްމަދު މިއަދު ވިދާޅުވީ ސަރުކާރުގެ އާ ސިޔާސަތެއް ކަމުގައިވާ އިސްރާއީލުގެ އުފެއްދުންތައް ރާއްޖެ އަށް އެތެރެކުރުން މަނާކުރުމުގެ ސިޔާސަތު މިއަދު ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.

"އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ ހަމާލާތައް ކުށްވެރިކުރުމުގެ ގޮތުން ސަރުކާރުން ވަނީ ނިންމަވާފައި އިސްރާއީލްގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން ހުއްޓާލުމަށް. އެހެންކަމުން ސަރުކާރުގެ އެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން މިއަދުން ފެށިގެން އިސްރާއީލްގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މިވަނީ ހުއްޓާލާފައި،" އަހްމަދު މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގޮތަށް ނިންމާފައި ވަނިކޮށް އިސްރާއީލްގެ އުފެއްދުންތައް ރާއްޖެ އެތެރެކުރި ފަރާތަކާ މެދު އަމަލު ކުރާނީ މަނާތަކެތި ރާއްޖެ އެތެރެކުރާ މީހުންނާ މެދު އަމަލުކުރާ އުސޫލުން ކަމަށެވެ.

"އިސްރާއީލްގެ އުފެއްދުމެއް މިއަދުން ފެށިގެން ރާއްޖެ އެތެރެކޮށްފި ނަމަ އަޅުގަނޑުމެން އެ އެއްޗެއް ހިފަހައްޓާނަން. އަދި އެ އެއްޗެއް ރީ އެކްސްޕޯޓް ކުރުމުގެ ފުރުސަތު އެފަރާތަކަށް ދޭނަން. އެހެންނަމަވެސް ރީ އެކްސްޕޯޓް ނުކޮށްފި ނަމަ އަޅުގަނޑުމެން އެ އެއްޗެއް ނައްތާލާނަން،" އަހްމަދު ވިދާޅުވި އެވެ.

މި އަހަރުގެ މިހާތަނަށް ތިން މިލިއަން ރުފިޔާގެ އަގުހުރި އިސްރާއީލްގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފައިވާ އިރު، މިދިޔަ އަހަރުގެ ނިޔަލަށް ނުވަ މިލިއަން ރުފިޔާގެ މުދާ އިސްރާއީލުން އެތެރެކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްރާއީލާ އެކު ހަދާފައިވާ ތިން އެއްބަސްވުމެއް ސަރުކާރުން ވަނީ އުވާލައިފަ އެވެ.