12 Jan 2011, 23:33
ފަނޑިޔާރުންގެ ޤާނޫނާއި ކޯޓުތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުންނާއި ދާއިރާގެ އިސް މެޖިޖިސްޓްރޭޓުންނާއި ސްޕީރިޔާ ކޯޓުތަކުގެ އިސް ޤާޒީން ކަނޑައަޅާނެ އުސޫލުތައް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) މިއަދު ފާސްކޮށްފި އެވެ.
ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުން ކަނޑަ އަޅާނީ އެ ކޯޓެއްގައި އެންމެ މެޖިސްޓްރޭޓަކު ހުންނެވިނަމަ އެއީ އެކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓުގެ ގޮތުގައި ހަމަޖެއްސެވުމާއި އެއް މެޖިސްޓްރޭޓަށްވުރެ ގިނަ މެޖިސްޓްރޭޓުން ތިއްބެވި ކޯޓުތަކުއި މަޤާމުގެ ސީނިޔަރިޓީއަށާއި މަސައްކަތުގެ އަހުލާގަށް ބެއްލެވުމަށްފަހު ކޯޓުގެ އިސް މެޖިސްޓްރޭޓުން ހަމަޖެއްސެވުމަށް ކަމަށެވެ.
ދާއިރާ އިސް މެޖިސްޓްރޭޓް ހަމަޖެއްސެވުމުގައި މިހާރު އަތޮޅު އިސް މެޖިސްޓްރޭޓްގެ ގޮތުގައި ތިއްބެވި މެޖިސްޓްރޭޓުންނަކީ ދާއިރާ އިސް މެޖިސްޓްރޭޓް ކަމުގައި ހަމަޖެއްސެވުމަށާއި އަތޮޅު އިސް މެޖިސްޓްރޭޓުން ނެތް ދާއިރާތަކުގައި އެދާއިރާތަކަށް ދާއިރާ އިސް މެޖިސްޓްރޭޓުން ހަމަޖައްސަވާނީ ފަނޑިޔާރުންގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުން ކަނޑައެޅުމަށްޓަކައި އެ ދާއިރާއެއްގައި ތިއްބެވި މެޖިސްޓްރޭޓުންނަށް ފުރުސަތު ހުޅުވާލައި އެ ކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެ ކަމަށް ކުރިމަތިލެއްވި އެދާއިރާގެ މެޖިސްޓްރޭޓް ކޯޓްތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން ތަޢުލީމާއި ތަޖުރިބާއާއި މަސައްކަތު އަހުލާގުގެ ބަޔަށް މާކްސް ދޭއިރު އެންމެ މަތީން މާކްސް ލިބޭ ތިން ބޭފުޅަކު ޝޯޓް ލިސްޓްކޮށްގެނެވެ.
އަދި އޭގެތެރެއިން އިންޓަވިއު ކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ 75 އިން ފެށިގެން މަތީން މާކްސް ލިބޭ ފަރާތްތަކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.
ޝޯޓްލިސްޓް ކުރެވޭ ބޭފުޅުންނާއި އިންޓަވިއު ކުރުމަށްޓަކައި އެ ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ޕެނަލަކުން އިންޓަވިއުކޮށް ކަނޑައަޅާފައިވާ ކްރައިޓީރިއާގައިވާ ގޮތުގެ މަތީން އެންމެ މަތީން މާކްސްލިބޭ ބޭފުޅުންގެ ތަރުތީބުން ވޯޓަށް އެހުމަށްފަހު އެންމެ ފުރަތަމަ ކޮމިޝަނުގެ އަގުލަބިއްޔަތު ލިބޭ ބޭފުޅަކު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ ގޮތުގައި ހަމަޖެއްސާނެ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ސްޕީރިޔާ ކޯޓުތަކުގެ އިސް ޤާޒީން ކަނޑައެޅުމުގައި މިހާރުވެސް ސްޕީރިޔާ ކޯޓުތަކުގައި އިސް ޤާޒީންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެގޮތުގައި ތިއްބެވުމަށް ނިންމުނު ކަމަށާއި، އަދި އަލަށް ސްޕީރިޔާ ކޯޓެއްގެ އިސް ޤާޒީގެ މަޤާމު ހުސްވެއްޖެނަމަ، އެމަޤާމަށް އިސް ޤާޒީއަކު ހަމަޖެއްސުމުގައި ކޯޓުތަކުގެ ޤާނޫނުގެ 54 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ގޮތަށް ސްޕީރިއާ ކޯޓުތަކުގެ އިސް ޤާޒީންގެ މަޤާމަށް ބޭފުޅަކު ހަމަޖައްސާނީ ފަނޑިޔާރުންގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންތައްތަކަށް ބެލުމަށްފަހު ކަމަށެވެ.
ސްޕީރިއާ ކޯޓުތަކުގެ އިސް ޤާޒީން ކަނޑައެޅުމަށްޓަކައި، މާލޭގައި ހުރި ހަތަރު ސްޕީރިއާ ކޯޓުގެ ފަނޑިޔާރުން އެ މަޤާމަށް ކުރިމަތިލެއްވުމަށް ފުރުސަތު ހުޅުވާލަންވާނެ ކަމަށާއި މި ގޮތުން ފުރުސަތު ހުޅުވަލާއިރު ފުރުސަތު ހުޅުވާލާނީ އެ ސްޕްރީއާ ކޯޓެއްގެ ޤާޒީކަމުގައި ތިއްބެވި ޤާޒީން، އެ ތިއްބެވި ސްޕީރިއާ ކޯޓެއްގެ އިސް ޤާޒީ ކަމުގެ މަޤާމަށް ކުރިމަތިލެވޭ ގޮތަށް ކަމަށް ޖޭއެސްސީން ބުނެ އެވެ. މިގޮތުން ކުރިމަތިލާ ޤާޒީންގެ ތެރެއިން ކްރައިޓީރިގައިވާ ގޮތުގެމަތީން ތައުލީމާއި ތަޖުރިބާ އާއި މަސައްކަތު އަހުލާގުގެ ބަޔަށް މާކްސް ދެވޭއިރު އެންމެ މަތީން މާކްސް ލިބޭ ތިން ބޭފުޅަކު ޝޯޓްލިސްޓް ކުރެވޭނެކަމަށާއި، މި ގޮތަށް ހޮވާއިރު އިންޓަވިއު ކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ 75 އިން ފެށިގެން މަތީން މާކްސް ލިބޭ ފަރާތްތަކެވެ.
ޝޯޓްލިސްޓް ކުރެވޭ ބޭފުޅުންނާއި އިންޓަވިއު ކުރުމަށްޓަކައި ކޮމިޝަނުން ކަނޑައަޅާ 5 މެންބަރުންގެ ޕެނަލަކުން އެބޭފުޅުންނާއި އިންޓަވިއުކޮށް ކްރައިޓީރިއާ ގައިވާ ގޮތުގެމަތީން އެންމެމަތީން މާކްސްލިބޭ ބޭފުޅުންގެ ތަރުތީބުން ވޯޓަށް އެހުމަށްފަހު އެންމެ ފުރަތަމަ ކޮމިޝަނުގެ އަގުލަބިއްޔަތު ލިބޭ ބޭފުޅަކު އެ ސްޕީރިއާ ކޯޓެއްގެ އިސް ޤާޒީ ކަމުގެ މަޤާމަށް ހަމަޖައްސާ ގޮތަށް އޮތް ކަމަށްވެސް ނޫސް ބަޔާނުގައި ވެއެވެ.