މުމްބާއީ، (25 ޖުލައި) – އިންޑިއާގެ ދަތުގެ ޑޮކްޓަރުންތަކެއް، އުމުރުން 17 އަހަރުގެ ކުއްޖެއްގެ އަނގައިން 232 ދަތް ނަގައިފި އެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނީ، އިންޑިއާގެ ހުޅަނގުގެ އަވަށަކަށް އުފަން އަޝިކް ގަވާއީ މުމްބާއީ އަށް ގެނައީ 18 މަސް ދުވަސްވަންދެން އަނގައިގައި ރިއްސާތީ އުޅުމަށް ފަހު އެ އަވަށުން ފަރުވާދިން އެއްވެސް ޑެންޓިސްޓަކަށް އޭނާގެ ބައްޔަކީ ކޮބައިކަން ދެނެގަނެވިފައި ނުވުމުންނެވެ.

މުމްބާއީގައި ހުންނަ ޖޭޖޭ ހޮސްޕިޓަލުގެ ހެޑް އޮފް ޑެންޓަލް ޑިޕާޓްމަންޓް ޑރ. ސުނަންދާ ދިވާރޭ ވިދާޅުވީ، އެކުއްޖާ އޮޕަރޭޝަން ކުރަން ޖެހުނީ، ހިރުގަނޑު ދުޅަވުމުން ކަމަށެވެ.

އެކުއްޖާ އަށް ދިމާވީ މައްސަލައަކީ ވަރަށް މަދުން ނޫނީ ދިމާނުވާ ސިއްހީ ހާލަތެއްގެ ގޮތުގައި ސިފަކުރައްވައި އޮޕަރޭޝަންގައި ހަރަކާތްތެރިވި ޑޮކްޓަރުން ވިދާޅުވަނީ، "މިއީ ވަރަށް އާދަޔާ ހިލާފު" އަދި "ދުނިޔޭގެ ރެކޯޑެއް" ކަމަށެވެ.



ދަތުގެ ޑޮކްޓަރު ވަންދަނާ ތޮރަވާޅޭ ވިދާޅުވީ، އަޝިކް ގަވާއީ ތަހައްމަލު ކުރަން ޖެހުނީ، ވަރަށް މަދުން ނޫނީ ދިމާނުވާ ސިއްހީ ހާލަތެއް ކަމަށްވާ، "ކޮމްޕްލެކްސް އޮޑޮންޓޯމާ" ކަމަށާއި އެގޮތަށް ދިމާވުމުން، ހިރުގަނޑުގެ ދަށުގައި "ޑެންޓިކަލްސް" ކިޔާ ކުދިކުދި ދަތްތަކެއް އުފެދޭ ކަމަށެވެ.

"އަހަރެމެން ތިބީ ވަރަށް އުފަލުން އޮޕަރޭޝަން ކުރަމުން ދިޔަ ވަގުތު. އަހަރެމެން ދިޔައީ ޑެންޓިކަލްއަކަށް ފަހު ޑެންޓިކަލްއެއް އުފުރަމުން، މެޑިކަލް ސްޓާފުންގެ އަތަށް އެ ދަތްތައް ދެމުން،" ޑރ. ވަންދަނާ ކިޔައިދިނެވެ.

"އޮޕަރޭޝަން ނިންމާލުމަށް ފަހު އަހަރެމެން ދަތްތައް ގުނަން ފެށީ. އޮޕަރޭޝަން ކުރަމުން ދިޔައިރު އެހާ ބައިވަރު ދަތް ހުރެދާނޭ ކަމަށް އެއްގޮތަކަށް ވެސް ހިޔެއް ނުކުރަން."



ދެ ޑޮކްޓަރުންނާއި ދެ އެސިސްޓެންޓުން ބައިވެރިވެގެން މިދިޔަ ހޯމަ ދުވަހު ކުރި އެ އޮޕަރޭޝަން ކާމިޔާބުކަމާ އެކު ނިންމާލަން ހަތް ގަޑިއިރު ނެގިކަމަށް އެކަމުގައި ހަރަކާތްތެރިވި ޑރ. ސުނަންދާ ދިވާރޭ ވިދާޅުވި އެވެ. ފުރިހަމަ ސިއްހަތެއްގައި ހުންނަ މީހެއްގެ އަނގައިގައި 32 ތަތް ހުންނަ އިރު، އެ އޮޕަރޭޝަނަށް ފަހު މިހާރު އަޝިކްގެ އަނގައިގައި ހުންނާނީ 28 ދަތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.



ޑރ. ވަންދަނާ ވިދާޅުވީ، މިއީ "އޮޑޮންޓޯމާ" ކޭހެއްގައި މިހާ ގިނަ އަދަދެއްގެ ދަތް ނެގި ފުރަތަމަ ފަހަރު ކަމަށާއި މިހާރު އެ ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.