25 Jul 2014, 14:12
ބުރްކިނާފާސޯއި ވަގަޑްޑުގޫ އިން ފުރައިގެން އަލްޖީއާގެ ވެރިރަށް އަލްޖީރިއާ އަށް ދަތުރުކުރަނިކޮށް ވެއްޓުނު އަލްޖީރިއާގެ ބޯޓްގެ ބައިތަކާއި ބައެއް މީހުންގެ ހަށިތައް ފެނިއްޖެ އެވެ.
މާލީގެ އެކަހެރި ހިސާބަކަށް ވެއްޓިފައިވާ އެބޯޓް ހޯދީ އެސަރަހައްދުގައި ދިރިއުޅޭ މީހުންގެ އެހީގައި ކަމަށް ބުރްކިނާފާސޯގެ ރައީސް ބްލެއިސޭ ކޮމްޕޯރޭގެ އަރިސް ބޭފުޅަކު ވިދާޅުވި ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުންޏެވެ.
ބޯޓްގެ ބައިތަކާއި ބައެއް މީހުންގެ ހަށިތައް ފެނިފައި ވަނީ ބުރްކިނާފާސޯއާއި މާލީ ގުޅޭ ސަރަހައްދީ ރޮނގާއި ގާތްގަނޑަކަށް 50 ކިލޯ މީޓަރު ދުރުގައިވާ މާލީގެ އަވަށެއް ކަމަށްވާ ބޫލިކެސީ އިންނެވެ.
"މާލީ ސަރުކާރުގެ ހުއްދައާ އެކު އަހަރެމެން މީހުން ފޮނުވީ އެ ސަރަހައްދަށް، ދެން އެސަރަހައްދުގެ މީހުންގެ އެހީގައި ބޯޓްގެ ބައިތައް ހޯދީ،" ބުރްކިނާފާސޯގެ ރައީސް ބްލެއިސޭ ކޮމްޕޯރޭގެ އަރިސްބޭފުޅެއް ކަމަށްވާ ޖެނެރަލް ގިލްބަޓް ޑިއަންޑްރޭ ވިދާޅުވި ކަމަށް އޭޕީ ބުންޏެވެ.
އެއާ އަލްޖީރިއާގެ މަތިންދާބޯޓް އޭއެޗް 5017ގެ ބައިތައް ފެނުނު އިރު އެބައިތައް ވަނީ މުޅިން އަނދައިފަ އެވެ. އަދި މިހާތަނަށް ފެނު މީހުންގެ ހަށިތައް ވަނީ ފަޅަފަޅައިގެން ގޮސްފަ އެވެ.
އޭއެޗް 5017 ގެއްލުނު އިރު ފަޅުވެރިންނާ އެކު 116 މީހުން އެ ބޯޓުން ދަތުރުކުރި އެވެ. އެއާ އަލްޖީރިއާ އިން ބުނެފައި ވަނީ ބޯޓުން ދަތުރު ކުރި މީހުންގެ ދެބައިކުޅަ އެއްބަޔަކީ ފަރަންސޭސިވިލާތުގެ ރައްޔިތުން ކަމަށެވެ.
އެ ބޯޓަކީ ސްޕެއިންގެ ސްވިފްޓް އެއާ އިން ޗާޓަރު ފްލައިޓެއްގެ ގޮތުގައި ކުއްޔަށް ހިފާފައިވާ އެމްޑީ 83 މަރުކާގެ ބޯޓެކެވެ.