25 Jul 2014, 13:48
އިންޑިއާ އިން މި އަހަރު ރާއްޖެ އަށް ދިން ސްކޮލަޝިޕްތަކުގައި އެގައުމުގައި ކިޔަވަންދާ ކުދިންގެ ތެރެއިން އިތުރު 10 ކުއްޖަކު އެ ގައުމަށްދާން މާދަމާ ފުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ރޭ ބުނެފި އެވެ.
ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ މާދަމާ ފުރަނީ އިންޑިއަން ކައުންސިލް ފޮ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) އިން ރާއްޖެ އަށް ދީފައިވާ 39 ސްކޮލަޝިޕްގެ ތެރޭން 10 ފުރުސަތު ލިބުނު ދަރިވަރުން ކަމަށެވެ.
އައިސީސީއާރުން ދިން ސްކޮލަޝިޕްތަކުގައި ރާއްޖޭގެ 31 ދަރިވަރަކު މިހާރު ވެސްވީ އެ ގައުމަށް ގޮސްފަ އެވެ. އެ ސްކޮލަޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އިންޑިއާ ސަރުކާރުންނެވެ. އެގޮތުން އިންޑިއާ އަށް ދިއުމާއި އެ ގައުމުގައި ދިރިއުޅުމުގެ ހަރަދާއި ކޯސް ފީ ވެސް ހިމެނެ އެވެ.
އިންޑިއާގައި ދަރިވަރުން މަތީ ތައުލީމު ހާސިލް ކުރުމަށް އެ ގައުމުން މި އަހަރު 74 ސްކޮލަޝިޕް ދިނެވެ.