25 Jul 2014, 11:55
އިސްރާއީލުން ހިސާރުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އެގައުމުން މިހާރު ހިންގަމުންދާ އުދުވާނުގައި ޝަހީދުކޮށްފައިވާ މީހުންގެ އަދަދު 800 އަށް ވުރެ މަތިވެއްޖެ އެވެ.
އަލްޖަޒީރާ ބުނީ އިސްރާއީލުން އިއްޔެ ވަޔާއި އެއްގަމު މަގުން ޣައްޒާއަށް ދިން ހަމަލާތަކުގައި 119 މީހުން ޝަހީދުވި ކަމަށެވެ. އަދި އެމީހުންނާއި އެކު މިފަހަރުގެ އުދުވާނުގައި ޝަހީދުވީ މީހުންގެ އަދަދު 807 އަށް އަރާފައިވާ ކަމަށެވެ.
އިސްރާއީލުގެ އުދުވާނުގެ ރައްދުގައި ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ 32 މީހުން މިހާތަނަށް މަރުވެފައި ވެއެވެ.
އިސްރާއީލުން ބުނަމުން ދަނީ އެގައުމުން ހަމަލާދެމުން ދަނީ ޣައްޒާގައި ތިބެގެން އިސްރާއީލަށް ރޮކެޓް ހަމަލާތައްދޭ ހަމާސް ޖަމާއަތުގެ ބިންގަރާސްތައް ހަލާކުކުރުމަށް ކަމަށެވެ. ނަމަވެސް ޔުނައިޓެޑްނޭޝަންސް ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހަމަލާތަކުގައި މަރުވި މީހުންގެ 70 ޕަސެންޓަކީ އާއްމު ރައްޔިތުންނެވެ. އަދި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން، އިސްރާއީލުގެ އަޅުވެތިކަމުގައި އޮތް ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުން ވަނީ އިއްޔެއާއި ރޭ ބޮޑެތި މުޒާހަރާތައް ކޮށްފައެވެ.