ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ހިދުމަތް ލިބޭ ފާމަސީއެއް ގާއިމްކުރުމަށް ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ކުންފުނި، އެސްޓީއޯ އިން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ހއ. ކެލާގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި އެވެ.

އެސްޓީއޯއިން ބުނީ، "އެސްޓީއޯ ފާމަސީ ހއ. ކެލާ"ގެ ނަމުގައި އެކުންފުނިން މިދިޔަ ބުދަ ދުވަހު ކެލާގައި އަލަށް ހުޅުވި ބޭސްފިހާރައިން އާސަންދައާ އެކު މިހާރު ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ކޮންމެ ރަށެއްގައި އާސަންދައިގެ ހިދުމަތް ލިބޭ ބޭސްފިހާރައެއް ހުޅުވަން ޖޫން މަހު ހެލްތު މިނިސްޓްރީއާ އެކު އެސްޓީއޯއިން އެއްބަސްވެފައި ވާ އިރު އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ކުރިން ވިދާޅުވެފައި ވަނީ، ކޮންމެ ރަށެއްގައި ބޭސްފިހާރައެއް ހެދުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސަރުކާރުގެ އުންމީދަކީ ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ރައްޔިތަކަށް ވުން ކަމަށެވެ.

ކެލާގައި ހުޅުވި އެސްޓީއޯ ފާމަސީއާ އެކު އެ ކުންފުނީގެ ފާމަސީތަކުގެ އަދަދު މިހާރު 12އަށް އަރައެވެ.

އެސްޓީއޯއިން ބުނީ ކޮންމެ ރަށެއްގައި ފާމަސީއެއް ގާއިމް ކުރުމުގެ ޕްރޮޖެކްޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށެވެ.