12 Jan 2011, 17:55
އައްޑޫ ސިޓީ ކައުންސިލް މައްސަލައިގައި ސިވިލް ކޯޓުން އިއްވެވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ސަރުކާރުން ނިންމި ނިންމުން މަޑުޖައްސާލައި މިވަގުތަށް މައްސަލަ އިސްތިއުނާފު ނުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ބަންޑާރަ ނައިބު އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ އެގޮތަށް ނިންމީ ކޯޓުގެ ހުކުމުގައިވާ ގޮތަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ސިޓީ ކައުންސިލްގެ ޝަރުތުތައް އިއުލާން ކުރުމުން ރައީސުލް ޖުމްހޫރިއްޔާ ދެވަނަ ފަހަރަށް އައްޑޫއަކީ ސިޓީ އަކަމަށް ކަނޑައަޅުއްވާފައިވާތީ ކަމަށެވެ.
ބަންްޑާރަ ނައިބު އޮފީހުން މިއަދު ހަވީރު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 39 ވަނަ މާއްދާގައި ބުނާ ޖަދުވަލު ދޭއްގައިވާ ޝަރުތުތަކުގެ ތެރެއިން ދެވަނަ އަދި ތިންވަނަ ނުކުތާގައި ބަޔާންކުރާ ޝަރުތުތައް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ކަނޑައަޅާއި މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކުގެ ދަށުން އައްޑޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމަށް ކަނޑައަޅުއްވާތީ ކަމަށެވެ.