24 Jul 2014, 20:52
ޣައްޒާގައި ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ހިންގަމުން އަންނަ ސްކޫލަކަށް އިސްރާއީލު ސިފައިން ބޮން އަޅައި 15 މީހުން ޝަހީދުކޮށްލައިފި އެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ ޣައްޒާގެ އުތުރުގައިވާ ބައިތު ހަނޫން ނަމަކަށް ކިޔާ އަވަށުގައި ހުރި އެ ސްކޫލަށް ދިން ހަމަލާގައި އެތައް ބަޔަކު ޒަހަމްވެސްވި ކަމަށެވެ. އަދި ބުނީ އެ ސްކޫލަކީ އިސްރާއީލްގެ ހަމަލާތަކުން ސަލާމަތްވުމަށް ގިނަ އަދަދެއްގެ އާއްމުން އެއްވެފައިވާ ސްކޫލެއް ކަމަށެވެ. އާންމުން ހިމާޔަތް ހޯދުމަށް ގޮސް ތިބި ޔޫއެންގެ ސްކޫލަކަށް މިދިޔަ އަންގާރަ ދުވަހު ވެސް އިސްރާއިލުން ވަނީ ހަމަލާދީފަ އެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން އަޝްރަފް އަލް ކިދުރާ ވިދާޅުވެފައި ވަނީ ޝަހީދުވި އަދި ޒަހަމްވީ މީހުންނަކީ އެ ސްކޫލުން ހިޔާވަހިކަން ހޯދަމުން ދިޔަ މީހުން ކަމަށެވެ.
މިއަދުގެ ހަމަލާއަކީ އިސްރާއީލް ސިފައިން ޔޫއެންގެ އިމާރާތަކަށް ދިން މިފަދަ ހަތަރުވަނަ ހަމަލާ އެވެ.
ހަ އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ހިސޯރުކޮށްފައި އޮތް ޣައްޒާއާ ދެކޮޅަށް އިސްރާއީލުން މިފަހަރު ފެށި އުދުވާނަށް 17 ދުވަސް ވެފައި ވާއިރު އެ އުދުވާނުގައި ޝަހީދުވީ މީހުންގެ އަދަދު މިހާރު ވަނީ 750 އަށް ވުރެ މަތިވެފައެވެ. އެހަމަލާތަކުގެ ރައްދުގައި ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ 32 މީހަކު ވަނީ މަރުވެފައެވެ.