24 Jul 2014, 18:06
ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ބެލެވޭ، ހޯމަ ދުވަހު މާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން ތިން ގަޑިއިރަށް މަނާ ކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00 އިން އެރޭގެ 7:00 އަށް އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމަށެވެ. އެންގުމާއި ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
"އެންގުމާ ހިލާފުވާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 65 ވަނަ މާއްދާގެ ދަށުން 750 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަން ވެސް އާއްމުކޮށް އަންގާ އިއުލާންކުރަމެވެ،" މާލޭ ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.
ނަމަވެސް ސަލާމަތީ ބާރުތަކުން ބޭނުންކުރާ އެއްގަމު އުޅަނދުތަކާއި އެމްބިއުލާންސް އަދި ޕަބްލިކް ޓްރާސްޕޯޓަށް ބޭނުންކުރާ ބަހުގެ އިތުރުން ހުއްދަ ދީފައިވާ ޓެކްސީ ކާރާއި ޕިކަޕަށް އެ ގަޑީގައި ދުއްވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ، އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑީގައި ދުއްވުމުގެ ހުއްދަ ބޭނުންވާ މީހުންނަށް އެ ހުއްދަ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 2:00އަށް، ކައުންސިލްގެ ޔުޓިލިޓީޒް އެންޑް ޓްރާންސްޕޯޓް ސެކްޝަން (ތައިސޭކޮށި) އިން ދޫކުރާނެ ކަމަށެވެ. އަދި އެގޮތަށް ދޫކުރާނީ ކޮންމެ ސެންޓަރަކަށް ވެސް ދެ ހުއްދަ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.