24 Jul 2014, 16:41
ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަލަށް ގަތް ޑޭޝް8 މަރުކާގެ ބޯޓު މިއަދު ރާއްޖެ ގެނެސްފި އެވެ.
މޯލްޑިވިއަންގެ ދެ ޕައިލެޓުންނާއި އިންޖީނިއަރަކާ އެކު ކެނަޑާއިން ފުރައިގެން އައި އެ ބޯޓު އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު 15:08ގައި ޖެއްސުމާ އެކު އެ ބޯޓަށް މަރުހަބާ ކިޔާފައި ވަނީ އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބުދުލްހާރިޝް ވިދާޅުވީ މިއަދު ގެނައި އާ ބޯޓާ އެކު ރާއްޖޭގެ އެތެރޭގެ އުދުހުމަށް ބޮޑު ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އެގޮތުން އެ ބޯޓާ އެކު އެތެރޭ އުދުހުންތަކުގެ ޝެޑިއުލްތައް ރަނގަޅުކުރެވި ފުލައިޓް ޑިލޭޭވުން ކުޑަކުރެވިގެންދާނެ ކަމަށް ހާރިޝް ވިދާޅުވި އެވެ.
"ގިނަ މީހުން ބޭނުންވާ ގޮތަށް ރާއްޖޭގެ އެއާޕޯޓްތަކަށް ދަތުރުކުރުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެންދާނެ މިކަމުގެ ސަބަބުން. މީގެ އިތުރުން ޓޫރިސްޓް މާކެޓަށް ވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ،" ހާރިޝް ވިދާޅުވި އެވެ.
ސަން އިން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ހާރިޝް ވިދާޅުވީ މޯލްޑިވިއަން އިން މި އަހަރު ތެރޭގައި ސީޕްލޭންގެ ދެ މަތިންދާ ބޯޓާއި ދެ ވަނަ ޖެޓް އެއާ ކުރާފްޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަދު ރާއްޖެ ގެނައި ބޯޓަކީ 50 ސީޓުގެ ބޯޓެކެވެ. އެ ބޯޓާ އެކު މޯލްޑިވިއަންގެ ބޮމްބާޑިއާ ޑޭޝް8ގެ ހަތް ބޯޓު ހަމަވީ އެވެ. އެއީ 37 ގޮޑިގެ ދެ ބޯޓާއި 50 ގޮނޑީގެ ފަސް ބޯޓެވެ. އެ ކުންފުނީގެ އުދުހުންތަކުގައި މިހާރު އެއާބަސް 320ގެ ބޯޓެއްގެ އިތުރުން ދެ ސީޕްލޭން ވެސް ބޭނުންކުރެ އެވެ.