މެދުފަންތީގެ ޓޫރިޒަމް ތަޢާރަފް ކުރެއްވުމަށާއި، ލ. ގަމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ފުޅާކުރުމަށްޓަކައި މެދު ދެކުނު ޕްރޮވިންސް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭންގެ ފުރަތަމަ ފިޔަވައްސެއްގެ ގޮތުން ލ. ގަމު އައްސޭރި ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢު ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމަވައިފި އެވެ.
މިކަން މިގޮތަށް ނިންމެވީ، އިއްޔެ ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މިކަމާ ބެހޭ އިތުރު ތަފްޞީލު، އެމިނިސްޓްރީން ފަހުން ހާމަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެ އެވެ.
ވަޒީރުންގެ މަޖިލީހުގެ އިއްޔަގެ ޖަލްސާގައި، ދިވެހި ސަރުކާރުގެ ޕްރޮކިއުމަންޓް ނިޒާމް އަލުން އެކުލަވާލެއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު، ޕްރޮކިއުމަންޓް އޮފީހެއް ޤާއިމް ކުރެއްވުމަށް ވެސް ނިންމެވި އެވެ. އަދި އެއޮފީސް ޤާއިމް ކުރައްވައި، ސަރުކާރުގެ ހުރިހާ ސްޓޭޝަނަރީއާއި މަރާމާތުގެ މަސައްކަތްތައް، މާޗް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެއޮފީހުން ކުރައްވަމުން ގެންދަވާ ގޮތަށް ހަމަޖެއްސެވުމަށް ވެސް އިއްޔެގެ ޖަލްސާއިން ނިންމި އެވެ.