12 Jan 2011, 16:05
ލައިސަންސް ނެތި ވަންވޭއާ އިދިކޮޅަށް ސައިލެއްގައި ދުވައްވާފައި ދިޔަ މީހެއްގެ އަތުން ފުލުހުން މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ފުލުހުން ބުނީ އިއްޔެ މެންދުރު 11:20 އެހާކަންހާއިރު، މާވެޔޮމަގުން ވަންވޭއާ އިދިކޮޅަށް ސައިކެއްލެއްގައި ދުއްވާފައިދިޔަ މީހަކު، ފިލަން މަސައްކަތް ކުރުމަށް ސައިކަލް ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުކުރެވިގެން، ސައިކަލާ އެކު މަގުމަށްޗަށް ވެއްޓުމުން އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 13 ޕެކެޓް ފެނިފައިވާ ކަމަށެވެ.
އުމުރުން 29 އަހަރުގެ އެ މީހާ ޓްރެފިކް ގަވާއިދާ ހިލާފުވެފައިވާ އިރު، އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ވެސް ނެތް ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި އޭނާ ހައްޔަރުކޮށް، ތަހުގީގުތައް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެ އެވެ.
ނަމަވެސް އޭނާގެ ނަމެއް އަދި އޭނާ އަކީ ކުރިން އެފަދަ ރެކޯޑްތަކެއް ހުރި މީހެއް ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ނުބުނެ އެވެ.