24 Jul 2014, 12:02
މިމަހުގެ ހަތް ވަނަ ދުވަހު އެމެރިކާގެ ސީކްރެޓް ސާވިސް އެޖެންޓުން ރާއްޖޭގައި ހައްޔަރުކުރި ރަޝިޔާގެ ރޯމަން ވެލެރިވިޗް ސްލެޒްނޯވް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އޭނާގެ ވަކީލުން ބުނާ މައްސަލައެއް ނުނިމިގެން އޭނާ ވޮޝިންޓަނަށް ގެންދިއުން ލަސްކޮށްފި އެވެ.
ސްލެޒްނޯވް ވޮޝިންޓަނަށް ގެންދިއުމުގެ ކުރިން ގުއާމްގެ ޑިސްޓްރިކްޓްކޯޓްގައި އަޑު އެހުމެއް ބާއްވަން ޖެހެނީ އޭނާ އަކީ ހަމަ ހަގީގަތުގައި ވެސް ދައުވާގައި ބުނާ މީހާކަން ނުވަތަ ނޫންކަން ކަނޑައެޅުމަށެވެ. ނަމަވެސް އޭނާގެ ވަކީލުން ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަން ނުވަތަ ނޫންކަން އެއަށް ވުރެ ކުރިން ކަނޑައަޅައި ދިނުން އެދި ކޯޓަށް މައްސަލައެއް ވައްދާފައި ކަމަށް ގުއާމްގެ ޕެސިފިކް ޑެއިލީ ނިއުސް ބުންޏެވެ.
ސްލެޒްނޯވްގެ ވަކީލު ޕެޓްރިކް ސިވިލީ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އޭނާއާ މެދު އެއްވެސް އެހެން ފިޔަވަޅެއް އަޅަން ކޯޓުން ނިންމޭނީ އޭނާ ހައްޔަރުކުރީ ގާނޫނާ އެއްގޮތަށް ކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް ފަހުގައި ކަމަށެވެ. އަދި ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވީމާ އޭނާ ދޫކޮށްލަން ޖެހޭ ކަމަށެވެ.
ޕެސިފިކްޑެއިލީނިއުސް ބުނީ ސްލެޒްނޭވް ހައްޔަރުކުރީ ގުއާމްގައި ކަމަށާއި އޭނާ ހައްޔަރުކުރީ ދިވެހިރާއްޖެ އިން އޭނާ ބޭރުކޮށްލުމުން ކަމަށް އެމެރިކާ ސަރުކާރުގެ ވަކީލުން ބުނާ ބުނުން އެމީހުން ދަމަހައްޓަމުން އަންނަ ކަމަށެވެ.
ސްލެޒްނޯވް ވޮޝިންޓަނަށް ފޮނުވުމުގެ ކުރިން ބާއްވަން ޖެހޭ އަޑު އެހުން ކުރިން ބާއްވާ ގޮތަށް އޮތީ މިމަހުގެ 22 ވަނަ ދުވަހު އެވެ. ނަމަވެސް އޭނާގެ ވަކީލު ހުށަހެޅި މައްސަލައާ ގުޅިގެން އެ އަޑު އެހުން ގުއާމްގެ ޑިސްޓްރިކްޓް ކޯޓްގެ ޗީފް ޖަޖް ފްރާންސިސް ޓިޑިންކޯ ވަނީ ފަސްކުރައްވައިފަ އެވެ. އެ މައްސަލައިގައި ސްލެޒްނޯވްގެ ވަކީލު ވެސް އަދި ދައުލަތުގެ ވަކީލުން ވެސް އިތުރަށް ޖަވާބުދާރީ ވުމަށް އޭނާ އިއްޔެ ވަނީ އަމުރުކުރައްވާފަ އެވެ.
ރަޝިޔާގެ ޕާލަމެންޓް މެމްބަރެއް ކަމަށްވާ ވަލެރިވިޗް ސްލެޒްނޯވްގެ ދަރިއެއް ކަމަށްވާ ރޯމަން ވަލެރިވިޗް ސްލެޒްނޯވް މިމަހުގެ ފަސް ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިން މިމަހުގެ ހަތް ވަނަ ދުވަހު ބުންޏެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮންތަނެއްގައި ކަމެއް އެބަޔާނުގައި ނުބުނެ އެވެ. އޭގެ ފަހުން މި މަހުގެ އަށް ވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ ހަވަނަ ދުވަހު ގުއާމްގައި ކަމަށެވެ.
ނަމަވެސް ސްލެޒްނޯވްގެ އަންހެނުންނާއި އޭނާގެ ވަކީލު ބުނެފައި ވަނީ އެމެރިކާގެ ސީކްރެޓް ސާވިސް އެޖެންޓުން އޭނާ ހައްޔަރުކުރީ ރާއްޖޭގައި ކަމަށެވެ. އަދި އެމެރިކާއިން ޗާޓަރްކުރި ޖެޓެއްގައި އޭނާ ގުއާމަށް ގެންދިޔައީ ކަމަށެވެ.
ރަޝިއާ އިން ވަނީ ރާއްޖެ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވަނީ ސްރީލަންކާގައި ހުންނަ ރަޝިޔާ އެމްބަސީ އަށް ވަޑައިގެން މައުލޫމާތު ދެއްވާފަ އެވެ.