24 Jul 2014, 11:40
އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަ މުއްދަތު ހަމަ ވުމުން، "އެހީ" ޖަމިއްޔާއިން މިއަހަރު ވެސް ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަ ޖައްސައިފި އެވެ.
އިންސާނީ ތަރައްގީއަށް އެހީތެރިކަން ހޯދުމަށް މަސައްކަތްކުރާ "އެހީ" ޖަމިއްޔާއިން އިއްޔެ ނެރުނު ނޫސްބަޔާނެގައި ބުނެފައިވަނީ ވޭތުވެދިޔަ ދެ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް އެ ޖަމިއްޔާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަ ޖައްސާފައިވާ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަ ޖެހިފައި ވަނީ އިއްޔެ އިން ފެށިގެން ފިތުރު އީދު ވިލޭރޭ 10:00 ހަމައަށް ކަމަށެވެ.
އެހެން އަހަރުތަކާ ހިލާފަށް މިއަހަރު މާލޭގެ އިތުރުން ހުޅުމާލެއާއި އައްޑޫ ސިޓީގައި ވެސް ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަ ޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. އެގޮތުން މާލޭ އިމާދުއްދީން ސްކޫލުގައި ޒަކާތް ބަލައިގަންނައިރު ހުޅުމާލޭގައި ޒަކާތް ބަލައިގަތުމަށް ހަމަ ޖެހިފައިވަނީ އެންލައިޓްން ޕްރީސްކޫލުގަ އެވެ. އަދި އައްޑޫ ސިޓީގައި ޒަކާތް ބަލައިގަތުމަށް ހަމަ ޖެހިފައިވަނީ ނޫރުލް އިސްލާމް އޮފީހުގަ އެވެ.
އެހީ ޖަމިއްޔާއިން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަ ޖެހިފައިވަނީ ފައިސާ އަކުންނެއް ނޫނެވެ. އެ ޖަމިއްޔާއިން ބުނި ގޮތުން ޒަކާތުގެ ގޮތުގައި ބަލައިގަންނާނީ އާދައިގެ ހަނޑުލާއި މޮޅު ހަނޑުލާއި ތައިލެންޑް ހަނޑުލާއި އަދި ގޮދަންފުށެވެ. އޭގެ އިތުރުން އެ ޖަމިއްޔާއިން ބުނެފައިވަނީ އެ ޖަމިއްޔާގެ ސްޓޮކް ހުސްވަންދެން އެ ޖަމިއްޔާއިން ތަކެތި ގަނެގެން ވެސް ޒަކާތް ދެއްކޭނެ ކަމަށެވެ.
ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 8000 ވުރެ ގިނަ ފަރާތްތަކުން އެހީ ޖަމިއްޔާ މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީއަށް ރޭ 12:00އިން ފެށިގެން ޒަކާތް ބަލައިގަތުން ހުއްޓާލާފައި ވާއިރު އޭގެ ފަހުން ޒަކާތް ބަލައިގަތުމުގެ މަސައްކަތް "އެހީ" ޖަމިއްޔާއިން ކުރުމާއިމެދު އެ މިނިސްޓްރީން އިއުތިރާޒު ނުކުރާ ކަމަށް ވެސް އެހީ ޖަމިއްޔާއިން ބުނެފައި ވެއެވެ.