އޮފީސްތަކަށާއި އާންމުންނަށް ހުޅުވާލައިގެން ކޮންމެ ރޯދަ މަހަކު އުރީދޫ އިން ބާއްވަމުން އަންނަ އުރީދޫ މަސް ރޭހުގެ މި އަހަރުގެ ޗެމްޕިއަންކަން އަނެއްކާ ވެސް ސްޓެލްކޯ އިން ހޯދައިފި އެވެ.

މަސްރޭހުގެ އެއް ވަނަ ޓީމްގެ މަގާމު ސްޓެލްކޯ އިން މިފަހަރު ހޯދީ ޖުމްލަ 434.45 ޕޮއިންޓް ހޯދައިގެންނެވެ. މިއީ ސްޓެލްކޯ އިން އެ މުބާރާތް ޖެހިޖެހިގެން ކާމިޔާބުކޮށްފައިވާ ތިން ވަނަ ފަހަރެވެ. މަސްރޭހުގެ ޗެމްޕިއަން ޓީމް ސްޓެލްކޯ އަށް ހަސަން މެރީން އިންޖީން ސޮލިއުޝަންގެ ފަރާތުން ހުށައަޅާފައިވާ 60 ހޯސްޕަވަރުގެ މާކިއުރީ އައުޓްބޯޑު އިންޖީނާއި އުރީދޫގެ ފަރާތުންދޭ 50،000 ރުފިޔާގެ އިތުރުން ތަށްޓާއި މެޑަލް ހަވާލުކޮށްދެއްވާފައި ވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

އުރީދޫ މަސްރޭހުގެ އެންމެ "ބަރު މަސް" ބާނާފައިވާ މީހަކަށް ހޮވިފައި ވަނީ 13.85 ކިލޯގެ ހަންޖެއް ބާނައިގެން ޓީމް އީއެމްއެސްގެ ޒާހިރު އަމީނެވެ. އިނާމެއްގެ ގޮތުގައި އޭނާ އަށް ވަނީ ހަސަން މެރީން އިންޖީން ސޮލިއުޝަންގެ ފަރާތުން "ވެރިމެކްސް މޮޓޯގައިޑް" އައުޓްބޯޑް އިންޖީނަކާއި އުރީދޫގެ ފަރާތުން 5000 ރުފިޔާ ހުށަހަޅައިފަ އެވެ. އޭގެ އިތުރުން އުރީދޫ އިން ހަވާލުކުރާ "ރަންކޯރި" އިނާމު ހާސިލްކޮށްފައި ވަނީ މުބާރާތުގައި އެންމެ ގިނަ މަސް ބާނައިގެން ބަރޮސް ޓީމްގެ ހުސައިން ރަޝީދެވެ. އޭނާ ވަނީ މުބާރާތުގައި 45 މަސް ބާނައިފަ އެވެ.

އުރީދޫ މަސްރޭހުގައި މިފަހަރު ވަނީ ޖުމްލަ 16 ޓީމެއް ބައިވެރިވެފަ އެވެ. އެ 16 ޓީމުގެ ތެރެއިން ހަތަރު ޓީމު ހަތަރު ހަފްތާގައި މަހަށް ފުރާ އިރު ފައިނަލް އަށް ދަތުރުކުރާ ޓީމްތައް ހޮވާފައި ވަނީ ކޮންމެ ރެޔަކު ވެސް ހުރިހާ ގޮތަކުން އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމަކަށް ބަލައިގެންނެވެ. އެގޮތުން މިއަހަރު މަސްރޭހުގެ ފައިނަލް ރޭސް ރޭ ނިންމާލާފައިވާ އިރު ފައިނަލްގައި ވާދަކޮށްފައި ވަނީ ސްޓެލްކޯ އާއި ބަރޮސް ޓީމް އަދި ހުސްކެޔޮޅުގެ އިތުރުން މީޑިއާނެޓްގެ ޓީމެވެ. ނަމަވެސް ގަޑިއަށް އަނބުރާ މާލެ ނައުމުގެ ސަބަބުން މީޑިއާނެޓްގެ ޓީމް ވަނީ މުބާރާތުން ޑިސްކޮލިފައިވެފަ އެވެ.

އުރީދޫ މަސްރޭހުގެ ހަ ވަނަ މުބާރާތް މިރޭ ނިންމާލާފައިވާ އިރު އުރީދޫ އިން ބުނީ މަސް ރޭހަށް ހުރިހާ ޓީމްތަކެއްގެ ފަރާތުން ވެސް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާ ކަމަށާއި ކުރިއަށް އޮތް ތާގައި ވެސް "ތަފާތު ކުލަތަކާ އެކު" އުރީދޫ މަސްރޭސް ފެނިގެންދާނެ ކަމަށެވެ.