24 Jul 2014, 11:18
ޔޫކްރެއިންގެ ބާޣީން ފޮނުވާލި މިސައިލަކުން ވައްޓާލިކަމަށް ތުހުމަތުކުރެވޭ މެލޭޝިއަން އެއާލައިންސްގެ މަތިންދާ ބޯޓު އެމްއެޗް 17ގައި މަރުވި 298 މީހުންގެ ތެރޭގައި 80 ކުޑަކުދިން ހިމެނޭކަމަށް އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް އިން ބުނެފި އެވެ.
ޑެއިލީމެއިލް އިން ބުނީ އެމްއެޗް 17ގައި މިދިޔަ ބުރާސްފަތި ދުވަހު މަރުވި ކުދިންގެ ތެރޭގައި އަހަރު ނުފުރޭ ތިން ތުއްތު ކުދިންނާއި އިނގިރޭސިވިލާތަށް ނިސްބަތްވާ ފަސް ކުދިންގެ އިތުރުން ހޮލޭންޑުގެ އަވަށެއްގައި ދިރިއުޅެމުން އައި ދެ އަވައްޓެރި އާއިލާއެއް ވެސް ހިމެނޭކަމަށެވެ.
ތިރީގައިވާ ފޮޓޯތަކުން އެ ފެންނަނީ މިދިޔަ ބުރާސްފަތި ދުވަހު ޔޫކްރެއިންގެ އުތުރުގައިވާ ހަނގުރާމައިގެ ސަރަހައްދެއްގެ މަތިން ދަތުރުކުރަނިކޮށް ވެއްޓުނު އެމްއެޗް 17ގައި މަރުވި އެކި އުމުރު ފުރާގެ ޅަކުދިންނެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ ނިކް ނޮރިސްއާ އެކު އެމްއެޗް 17ގައި ދަތުރުކުރީ އޭނާގެ ތިން ކާފަދަރިންނެވެ. އެއީ އުމުރުން 12 އަހަރުގެ މޯ އާއި 10 އަހަރުގެ އީވީގެ އިތުރުން 8 އަހަރުގެ އޯޓިސް އެވެ. އެތިން ކުދިންނާއި އެކުދިންގެ ކާފަ މަރުވީ ޗުއްޓީ ހޭދަކޮށްލަން ޔޫރޮޕަށް ގޮސްފައި އެމްއެޗް 17 ގައި އަނބުރާ އޮސްޓްރޭލިއާއަށް ދިޔަ މަގުމަތީގަ އެވެ.
އެމްއެޗް 17ގައި މަރުވި މީހުންގެ ތެރޭގައި ވޭން ޑެން ހެންޑްގެ އާއިލާ ވެސް ހިމެނެއެވެ. އެ އާއިލާގައި ތިބެނީ ހޮލެންޑަށް ނިސްބަތްވާ ޖޮހޭންސް ރޫޑޮލްފަސް އާއި އޭނާގެ އަންހެނުން ޝާރްލީޒާ ޒައިނީގެ އިތުރުން އެ ދެމަފިރިންގެ ތިން ކުދިން ކަމަށްވާ 15 އަހަރުގެ ޕިއޭރްސް އާއި 12 އަހަރުގެ މާރްނިކްސްގެ އިތުރުން އަށް އަހަރުގެ މާރްގޯއެވެ. އެ އާއިލާ ވަނީ ހޮލެންޑުގައި އެއް މަސްދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލުމަށް ފަހު އޮސްޓްރޭލިއާއަށް ދިޔުމަށް އެމްއެޗް 17ގައި ދަތުރުކޮށްފައެވެ.
އެމްއެޗް 17ގައި މަރުވި ތިން ތުއްތު ކުދިންގެ ތެރޭގައި 21 މަހުގެ ކޭލާ ގޯސް ވެސް ހިމެނެއެވެ. މެލޭޝިއާއަށް ނިސްބަތްވާ މި އާއިލާގެ ހުރި ހަމައެކަނި ދަރިފުޅު ކޭލާ އާއި އެއްކޮށް އޭނާގެ މަންމަ އާއި ބައްޕަ ވެސް ވަނީ އެފްލައިޓުގައި ދަތުރުކޮށްފައެވެ. މި ކުޑަކުޑަ އާއިލާ ކުއްލި ގޮތަކަށް މަރުވެގެން ދިޔައީ ހޮލެންޑުގައި ތިބި އެ އާއިލާގެ ތިމާގެ މީހުނާ ބައްދަލުކޮށްލަން ގޮސްފައި އެނބުރި އައި މަގުމަތީގައެވެ.
އިންޑޮނޭޝިއާގެ ފަތުރުވެރިކަމަށް އެންމެ މަގުބޫލު އެއް ރަށް ކަމަށްވާ ބާލީއަށް ޗުއްޓީ ހޭދަކޮށްލުމަށް އެމްއެޗް 17ގައި ދަތުރުކުރި ހޮލެންޑުގެ ރޮސްމާލެން އަވަށުގައި ދިރިއުޅެމުން އައި ދެ އަވައްޓެރި އާއިލާވެސް ވަނީ އެ ހާދިސާގައި މަރުވެފައެވެ. އެއީ ދިހަ އަހަރުގެ ޓެސް އާއި 8 އަހަރުގެ ލިވް ޓްރަގް އާއި އެދެކުދިންގެ މައިންބަފައިންގެ އިތުރުން އެއާއިލާގެ އަވައްޓެރި އެހެން އާއިލާއަކަށް ނިސްބަތްވާ 10 އަހަރުގެ ސެމް ވެލްސް އާއި އޭނާގެ މަންމަ އާއި ބައްޕައެވެ.
އިންޑޮނޭޝިއާއަށް ނިސްބަތްވާ އާއިލާއެއް ކަމަށްވާ ޕޯލިސަން އާއިލާގެ މީހުން ވެސް އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެއެވެ. ފަސް އަހަރުގެ މާޓިން އާއި އޭނާގެ 3 އަހަރުގެ ކޮއްކޮ ސްރީގެ އިތުރުން އެދެކުދިންގެ މަންމަ އާއި ބައްޕަ ވެސް ވަނީ އެފްލައިޓުގައި މަރުވެފައެވެ.
ހޮލެންޑުގެ ވެލްޑްހުއިޒަން އާއިލާގެ އެންމެ ހަގު ދަރިފުޅު ވެސް އެމްއެޗް 17 ގައި މަރުވި ކުޑަ ކުދިންގެ ތެރޭގައި ހިމެނެއެވެ. އޭގެއިތުރުން އެހެން އާއިލެއްގެ ދެކުދިން ކަމަށްވާ ޖިންޓޭ ވާލްސް އާއި އޭނާގެ ދައްތަ އަމެލް ވެސް ވަނީ އެދެކުދިންގެ މައިންބަފައިންގެ އިތުރުން ދެ ބޭބެ ވެސް އެފްލައިޓުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެއެވެ.
އަހަރު ނުފުރޭ ތުއްތު ކުއްޖެއް ކަމަށްވާ ޔެލީނާ ކްލެރިސް ވެސް އޭނާގެ ހޮލެންޑަށް ނިސްބަތްވާ ބައްޕަ އާރްނޯލްޑް ހުއިޒެން އާއި އޭނާގެ އިންޑޮނޭޝިއާ އަށް ނިސްބަތްވާ މަންމަ ޔޮދްރިކުންޑާ އާއި އެއްކޮށް ވަނީ އެމްއެޗް 17ގައި މަރުވެފައެވެ.