24 Jul 2014, 11:09
ވޮޝިންޓަން (ޖުލައި 24) : އިސްރާއީލު ސިފައިންގެ ރިޒާވް ފޯސްގައި ހިމެނޭ ގިނަ އަދަދެއްގެ ޔަހޫދީ ސިފައިން ޣައްޒާގެ ހަނގުރާމައިގާ ބައިވެރިވުމަށް ދެކޮޅު ހަދަމުންގެންދާ ކަމަށް އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ ވޮޝިންޓަން ޕޯސްޓުން ބުނެފި އެވެ.
އިސްރާއީލުގެ ރިޒާވް ފޯސްގައި ހިމެނޭ ޔަހޫދީ ސިފައިންގެ އެތައް ބަޔަކާ ޙަވާލާދީ ވޮޝިންޓަން ޕޯސްޓްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ޣައްޒާގެ ހަނގުރާމައިން އިސްރާއީލަށް ކާމިޔާބީއެއް ހާސިލް ވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާ ފަލަސްތީނުގެ ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަކޮށްގެން މިހާތަނަށް އިސްރާއީލަށް އެއްވެސް ކާމިޔާބީއެއް ހާސިލް ކުރެވިފައިނުވާ ކަމުގަ އެވެ. އަދި އެއްގަމުމަގުން ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރާ ހަނގުރާމައިގާ ބައިވެރިވުމަށް އިސްރާއީލުގެ ރިޒާވް ފޯސްގެބައެއް ސިފައިން ދެކޮޅުހަދަނީ އެއްގަމުން ކުރާ ހަނގުރާމައިގާ ފަލަސްތީނުގެ މުޖާހިދުންގެ އަތްދަށުން އިސްރާއީލު ސިފައިން ގިނައަދަދަކަށް މަރުވެ ލިބެމުންދާ ގެއްލުންތަކުގެ ބޮޑުކަމުން ކަމަށާ އެހެންކަމުން އެއްގަމު މަގުން ފަލަސްތީނުގެ މުޖާހިދުންނާ ކުރިމަތިލާން ޖެހިލުންވާ ކަމަށް ވެސް އިސްރާއީލުގެ ރިޒާވް ފޯސްގައި ހިމެނޭ ބައެއް ސިފައިން ބުނަމުން ގެންދާކަމަށް ވޮޝިންޓަން ޕޯސްޓު ބުނެ އެވެ.
އިސްރާއީލުގެ ދިފާއީ ވުޒާރާ އިން ވަނީ ޣައްޒާގެ ހަނގުރާމައިގާ ބައިވެރިވުމަށް އެގައުމުގެ ރިޒާވް ފޯސްގެ 30 ހާސް މީހުންނަށް ގޮވާލާފަ އެވެ. ޣައްޒާގެ ހަނގުރާމައިގާ ބައިވެރިވުމަށް ދެކޮޅުހަދާ ޔަހޫދީ ރިޒާވް ފޯސްގެ ސިފައިންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށް ވެސް ވޮޝިންޓަން ޕޯސްޓުގައި ޝާއިއުކޮށްފައިވާ ރިޕޯޓް ބުނެ އެވެ. ޣައްޒާ އަށް އެއްގަމު މަގުން އެރުމަށް މަސައްކަތްކުރި އިސްރާއީލު ސިފައިންގެ ލަޝްކަރުތަކުގެ ކުރިއެރުން މިހާރު ހުއްޓުވިފައިވާ އިރު ފަލަސްތީނުގެ މުޖާހިދުންގެ އަތްދަށުން އިސްރާއީލު ސިފައިންގެ 33 މީހުން ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި މަރާލާފައިވާ ކަމަށާ 200 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް އިސްރާއީލުން އެއްބަސްވެފައިވެ އެވެ.
އަނެއްކޮޅުން އިސްރާއީލުގެ ސިފައިން ވަނީ އިސްރާއީލުގެ ޢަސްކަރީ ސިއްރު މައުލޫމާތުތަކެއް ސޯޝަލް މީޑިޔާގައި ހާމަކޮށްފައިވާ ކަމުގެ ތުހުމަތުގައި އެގައުމުގެ ސިފައިންގެ އެތަށް ބަޔަކު ހައްޔަރުކޮށްފަ އެވެ. ސޯޝަލް މީޑިޔާގައި ހާމަކޮށްފައިވާ ޢަސްކަރީ މަޢުލޫމާތުގެ ތެރޭގައި ހިމެނެނީ ޣައްޒާގައި އެއްގަމު މަގުން ކުރާ ހަނގުރާމައިގާ އިސްރާއީލު ސިފައިންނަށް ލިބޭ ބޮޑެތި ގެއްލުންތައް ކަމަށް ޚަބަރުތައް ބުނެ އެވެ. (ވޮޝިންޓަން ޕޯސްޓް)