24 Jul 2014, 10:51
ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް މިހާރު ހިންގާ އިމާރާތަކީ އެއްގޮތަކަށް ވެސް ތިބެން ހެޔޮވާވަރުގެ ތަނެއް ނޫން ކަމަށް ޗީފް ކޮމިޝަނަރު އޮފް ސްކައުޓް އަހްމަދު އަލި މަނިކު ވިދާޅުވެއްޖެ އެވެ.
"ސަން"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޗީފް ކޮމިޝަނަރު އަލި މަނިކު ވިދާޅުވީ އެ އެސޯސިއޭޝަން މިހާރު ހިންގަމުން އަންނަ ހ. ބަންޑާރަވިލާ އަކީ ވަރަށް ބޮޑަށް ރެނދުލާފައި ހުރި ތަނެއް ކަމަށެވެ. އަދި އެ އިމާރާތުގެ ވަރަށް ބޮޑުބައި ކަނޑައިގެން ގޮސްފައިވާ ކަމަށާއި ވިއްސާރަ ދުވަސްވަރު އެތެރެއަށް ވާރޭ ވެސް ވެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްކައުޓު އެސޯސިއޭޝަން ހިންގާ އިމާރާތުގައި ރެނދުލާފައި -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
"އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް އެތަން ބޭނުންކުރާކަށް ނުވާނޭ. ފުދޭވަރަކަށް ރެނދުލާފައި އެބަހުރި. އެއީ އަޅުގަނޑުމެން އިމާރާތާ ޖެހިގެން ވަރަށް ބޮޑު އިމާރާތެއް ފެނިވަޑައިގަންނަވާނެ ހަދާފަ އެހެރީ. އެތަން ހެދި ދުވަސްވަރު އެތަން ކޮނުމުގެ ސަބަބުން ކަން ނޭނގެ އަޅުގަނޑުމެން އިމާރާތުން ވަރަށް ބޮޑުބައެއް ކަނޑައިގެން ގޮސްފަވީ. ވިއްސާރަ ދުވަސްވަރު އެތެރެއަށް ވާރޭ ވެހޭ،" އަލި މަނިކު ވިދާޅުވި އެވެ.
ޗީފް ކޮމިޝަނަރު ވިދާޅުވީ އެ އިމާރާތަކީ ވަރަށް ކުޑަ ތަންކޮޅެއް ކަމަށާއި މަސައްކަތް ކުރާނެ މާހައުލެއް އެތަނުގައި ނެތް ކަމަށެވެ. އަދި ވިދާޅުވީ އެ އެސޯސިއޭޝަނުން ބައްދަލުވުމެއް ބާއްވަންޖެހުނަސް އެކަން ކުރެވެން އޮންނަނީ ބައްދަލުވުމެއް ބޭއްވުމުގެ ފުރުސަތު ސްކޫލަކުން ދީފިނަމަ ކަމަށެވެ.
"މަސައްކަތް ކުރާނެ މާހައުލެއް އެތާކު ނެތް. އަޅުގަނޑުމެންގެ ގާތްގަނޑަކަށް ކޮމިޝަނަރުންގެ ގޮތުގައި އެބަތިއްބަވާ ދިހަ ބާރަ ވަރަކަށް ބޭފުޅުން. އެބޭފުޅުން ވެސް ތަނަށް ވަޑައިގެން މަސައްކަތް ކުރުމަކީ ދަތިކަމެއް. އެހެންވެ އަޅުގަނޑުގެ މަސައްކަތަށް ހީނަރުކަމެއް އާދޭ އެކަމުގެ ސަބަބުން. ޖާގައިގެ ދަތިކަން އިހްސާސްކުރަމުންދާތާ ވަރަށް ޒަމާން ވެއްޖެ،" އަލި މަނިކު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިސާލަކަށް ސްކޫލްތަކުގެ ސްކައުޓު ލީޑަރުންނާ އެކު އަޅުގަނޑުމެންނަށް ހުރިހާ ބޭފުޅުންނާ އެކު އެތަނުގައި ބައްދަލުވުންތަކެއް ނުބޭއްވޭ. އަޅުގަނޑު ކޮންމެ ވެސް ސްކޫލަކަށް ދަންނަވައިގެން އެ ސްކޫލަކުން ދެއްވިއްޔާ މީޓިން ބޭއްވެނީ."

ސްކައުޓު އެސޯސިއޭޝަން ހިންގާ އިމާރާތް-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އޭނާ ވިދާޅުވީ، ދުނިޔޭގެ އެހެންގައުމުތަކުގައި ސްކައުޓް ހަރަކާތަކީ ވަރަށް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ހަރަކާތެއް ކަމަށާއި ބައެއް ގައުމުތަކުގައި ސްކައުޓް އެސޯސިއޭޝަން ހިންގަމުން އަންނަނީ ފައިވްސްޓާ ހޮޓާ ފެންވަރުގެ ތަންތާގައި ކަމަށެވެ. ނަމަވެސް ރާއްޖޭގެ ސްކައުޓު އެސޯސިއޭޝަނަކީ ވަރަށް ނިކަމެތިކޮށް ހުރި ތަނެއް ކަމަށާއި ދައުލަތުގެ އިދާރާތަކުގެ ތެރެއިން އެހާ ދެރަ ހާލުގައި ހުރި ތަނެއް މިހާރު މާލޭގައި ނުހުންނާނެ ކަމަށް ޗީފް ކޮމިޝަނަރު ވިދާޅުވި އެވެ.
"އެހެންނަމަވެސް އަޅުގަނޑުމެން ރާއްޖޭގައި ސްކައުޓް އެސޯސިއޭޝަނަކީ ވަރަށް ނިކަމެތި ކޮށް އޮތްތަނެއް. އަނެއްކާ މާލޭގެ އެންމެ މުހިންމު އެއްސަރަހައްދުގައި އެހާ ދެރަހާލުގައި ހުރި ތަނެއް ނުވެސް ހުންނާނެ ކަން ނޭގެ. ގާއިމު ވެސް އަޅުގަނޑު ސްކައުޓަކަށް ވީތީ ލަދުގަންނަ ކަމެއް އެއީ،" އަލި މަނިކު ވިދާޅުވި އެވެ.
ސްކައުޓު އެސޯސިއޭޝަނަށް ދިމާވެފައިވާ މައްސަލަ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވަނީ ސަރުކާރުގެ ސަމާލުކަމަށް ގެންނަވާފަ އެވެ.

ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން މަޖިލީހުގެ ޖަލްސާގައި-- ފޮޓޯ: މަޖިލިސް
އިއްޔެ ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ ހާޒިރުގައި ޖަމީލް ވިދާޅުވީ، މިހާރު ފެނިގެން ދަނީ ސްކައުޓު ހަރަކާތް ވަޅުޖެހިފައިވާ މަންޒަރުކަމަށެވެ. އަދި އެހަރަކާތް ހިންގުމަށް ބޭނުންވާ އިމާރާތްތައް ވެސް ހުރީ ބޮލަށް ވެއްޓެން ކައިރިވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ޖަމީލް ވަނީ މިނިސްޓަރާ ސުވާލުކުރައްވާފަ އެވެ. "އަޅުގަނޑުގެ ސުވާލަކީ މިކަންތައް ރަނގަޅު ކުރުމަށްޓަކައި ކަމަނާ ކޮން މަސައްކަތްތަކެއްތޯ ކުރައްވަނީ؟،"
ޖަމީލް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އެކަމާ ގުޅޭގޮތުން ކަމާބެހޭ ބޭފުޅުންނާ މަޝްވަރާ ކުރެވި މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ.

އިއްޔެގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް އެޑިއުކޭޝަން މިނިސްޓަރު ޖަވާބުދެއްވަނީ-- ފޮޓޯ: މަޖިލިސް
"އާދެ. ތިފާހަގަ ކުރެއްވިހެން އަޅުގަނޑުމެންގެ ތައުލީމީ ދާއިރާގައި ވަރަށް މުހިންމު ކަންތައްތަކެއް ސްކައުޓާއި ގައިޑާއި ކެޑޭޓުގެ ހަރަކާތްތަކަކީ. އެކަމާ ގުޅޭގޮތުން މަސައްކަތްތަކެއް ކުރެވިގެން އެބޭފުޅުންނާ އެކު މަޝްވަރާ ކުރެވިގެން އަޅުގަނޑުމެންނަށް މަސައްކަތްތަކެއް އެބަ ކުރިއަށް ގެންދެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.