ދޯހާ (ޖުލައި 24): ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޒަމާންވީ ހިސާރުގެ ފިޔަވަޅުތައް ނައްތާލައި އެ ފިޔަވަޅުތަކުން ސަލާމަތް ވެވޭގޮތަށް ނޫނީ އިސްރާއީލާ ދެކޮޅަށް ހިންގާ ޖިހާދުގެ އަމަލުތައް ހުއްޓާނުލާނެ ކަމަށް ހަމާސްގެ ސިޔާސީ އޮފީހުގެ ވެރިޔާ ޚާލިދު މިޝްޢަލް ވިދާޅުވެއްޖެ އެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިޝްއަލް ވިދާޅުވީ، އިސްރާއީލުން އަޅާފައިވާ އަނިޔާވެރި ހިސާރުގެ ފިޔަވަޅުތަކުގެ ދަށުގައި ތިބެން ޣައްޒާގެ ރައްޔިތުން ބޭނުން ނުވާ ކަމަށާ މި ފިޔަވަޅުތަކުގެ ދަށުގައި ތިބެގެން ލަސްލަހުން ހިމޭންކަމާއެކު ނިމި ދިޔުމަށްވުރެ އިސްރާއީލާ ކުރިމަތިލައި މިނިވަން ކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދުކޮށްގެން ޝަހީދުވުން ޣައްޒާގެ ރައްޔިތުންނަށް މާރަނގަނޅު ކަމުގަ އެވެ.

މި ބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިޝްއަލް ވިދާޅުވީ ފަލަސްތީނު މުޖާހިދުންގެ އެންމެ އިސްކަމަކީ އިސްރާއީލުގެ ލާއިންސާނީ ހިސާރުގެ ފިޔަވަޅުތަކުން ޣައްޒާ މިނިވަންކުރުން ކަމުގަ އެވެ. އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ހަމާސް ޖަމާއަތުން ދޭ ހަމަލާތައް ހުއްޓާލާނީ ހިސާރު ނައްތާލުމަށް އިސްރާއީލު އެއްބަސްވާ އެއްބަސްވުމެއްގެ ދަށުން ކަމަށާއި ހިސާރުގެ ސަބަބުން ޝަހީދުވާ ފަލަސްތީނު ރައްޔިތުންގެ އަދަދު އިސްރާއީލުންދޭ ހަމަލާތަކުގައި ޝަހީދުކޮށްލެވޭ މީހުންގެ އަދަދަށްވުރެ އިތުރު ކަމަށްވެސް މިޝްއަލް ވިދާޅުވި އެވެ.

އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ ޖަމާއަތްތަކުން ކުރަމުންގެންދާ މިނިވަންކަމުގެ ޖިހާދުގައި އިސް ދައުރެއް އަދާކުރަނީ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުންނެވެ. މިޝްއަލް ވިދާޅުވީ ހަމަލާތައް ހުއްޓާލުމުގެ ނަމުގައި މިސްރު އިސްކޮށް އޮވެގެން ހުށަހެޅި ހުށަހެޅުން ހަމާސްއިންނާއި އިސްލާމިކް ޖިހާދު ޖަމާއަތުން ގަބޫލުނުކުރީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ހިސާރުގެ ފިޔަވަޅު ނައްތާލުން އޭގައި ހިމަނާފައިނުވާތީ ކަމުގަ އެވެ.

މިޝްއަލް ވިދާޅުވީ ޣައްޒާއާ ދެކޮޅަށް އިސްރާއީލު ކުރަމުންގެންދާ އެއްގަމު ހަނގުރާމައިގައި އިސްރާއީލު ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާ ކަމަށާއި އަދި ހަމާސްގެ ރޮކެޓް ހަމަލާތަކުގެ ސަބަބުން އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއްވެސް ލިބެމުންދާކަމުގަ އެވެ. މި ކަންތައްތައް އިސްރާއީލުން ސިއްރު ކުރާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިޝްޢަލް މި މޭރުމުން ވާހަކަ ދައްކަވާފައި ވާއިރު އިސްރާއީލުން ވަނީ ހަމާސްގެ ރޮކެޓް ހަމަލާތަކުން އިސްރާއީލަށް ލިބޭ ގެއްލުންތައް ސޯޝަލް މީޑިޔާ މެދުވެރިކޮށް ހާމަކުރި އިސްރާއީލު ސިފައިންގެ އެތަށްބަޔަކު ހައްޔަރުކޮށްފަ އެވެ.

އަދި ޣައްޒާގެ ހަނގުރާމައިގާ އެއްގަމުމަގުން އިސްރާއީލު ފަށާފައިވާ އޮޕަރޭޝަނުގައި އިސްރާއީލު ސިފައިންގެ ގިނަބަޔަކު ފަލަސްތީނު މުޖާހިދުންގެ އަތްދަށުން މަރުވަމުން ދާތީ އެއްގަމުގެ ހަމަލާތައް ކުރިޔަށް ގެންދިޔުން ހުއްޓާލުމާމެދު ވިސްނަމުންދާ ކަމަށް އިސްރާއީލުގެ އަސްކަރީ މަސްއޫލުވެރިއަކު ވަނީ ހާމަކޮށްފަ އެވެ.

ހަމަލާތައް ހުއްޓުވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ މަސައްކަތް ކުރައްވަނީ އެއްގަމު ހަނގުރާމައިގައި އިސްރާއީލަށް ލިބެމުންދާ ގެއްލުންތަކުގެ ބޮޑުކަމުން ކަމަށާ އިސްރާއީލުން ޣައްޒާގައި ހިންގާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގައި ފަލަސްތީނުގެ އާންމުން ޝަހީދުކުރަމުން ގެންދާތީ ނޫންކަމަށްވެސް މިޝްއަލް ވިދާޅުވި އެވެ. މީގެއިތުރުން އޭނާ ވިދާޅުވީ ފަލަސްތީނު ރައްޔިތުންގެ ލަނޑުދަނޑިތައް ހާސިލްކުރެވެންދެން އިސްރާއީލާ ދެކޮޅަށް ޖިހާދު ކުރުމުގައި ދެމިއޮތުމުގެ ގާބިލްކަން ފަލަސްތީނުގެ މުޖާހިދުންނަށް ލިބިގެންވާ ކަމުގަ އެވެ.

އަދި އެއްވެސް ހާލެއްގައި އިސްރާއީލުގެ ނާޒީ ސްޓައިލްގެ އަނިޔާވެރި ލަޝްކަރުތަކުގެ ކުރިމަތީގައި ފަލަސްތީނު ރައްޔިތުން ކުޑަކަކޫ ނުޖަހާނެ ކަމަށާއި މުޖާހިދުންނަށް މަދަދު ދެއްވާ ހަމައެކަނި ފަރާތަކީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ކަމަށްވެސް ހަމާސްގެ ވެރިޔާ ޚާލިދު މިޝްއަލް ވިދާޅުވި އެވެ. (އަލްޖަޒީރާ)