ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންގެ ގޭގެ ދޮށާ ހަމައަށް ފުލުހުންގެ ހިދުމަތް ގެންގޮސް ދިނުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
~
ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް މަރުވި ފުލުހުންގެ ހަނދާނުގައި މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ފާހަގަ ކުރާ "ޕޮލިސް މެމޯރިއަލް ޑޭ" ފާހަގަ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އިތުބާރާއެކު ފަސޭހައިން ފުލުހުންގެ ހިދުމަތް ދިނުން ކަމަށެވެ. ކުށެއް ކޮށްގެން ފިޔަވަޅު އެޅުމުގެ ބަދަލުގައި ކުށެއް ކުރުމުގެ ކުރިން ފިޔަވަޅުން އެޅުމަށް ފުލުހުން ހުޝިޔާރުވާންޖެހޭ ކަމަށް ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ފުލުހުންނަކީ "އެކްޓިވް" ބައެއްގެ ބަދަލުގައި "ޕްރޯ އެކްޓިވް" ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

"މި ސަރުކާރުގެ މިއަދުގެ ސިޔާސަތަކީ ރައްޔިތުންގެ ގޭ ދޮށާއި ހަމައަށް ފުލުހުންގެ ހިދުމަތް ގެންދިއުން. ކުށެއް ކުރީމަ ފިޔަވަޅު އެޅުމުގެ ބަދަލުގައި ކުށެއް ކުރުމުގެ ކުރިން ފިޔަވަޅު އެޅުން،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

ޕޮލިސް މެމޯރިއަލް ޑޭ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު: ފުލުހުންނަށް ގެއްލުން ދިނުމަށް ގޮވާލާ ފަރާތްތަކަށް ހަރުކަށި އަދަބުދޭން ކޮމިޝަނަރު އޮފް ޕޮލިސް ގޮވާލެއްވި-- ސަން ފޮޓޯ/ ފަޔާޒު މޫސާ


ހޯމް މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މަސައްކަތަކީ "ވާރެއާ އަވިން ހިޔާވެގެން" މޭޒު ދޮށުގައި އަދާ ކުރެވޭނެ ވަޒީފާއެއް ނޫން ކަމަށެވެ. ފުލުހުންގެ ވަޒީފާގެ "އަރާމަކީ މައިދާނުގައި ދައްކާ ކުޅަދާނަކަމާއި އެއިން ހޯދާ ކާމިޔާބީ އާއި އިންސާނިއްޔަތަށް ކޮށްދޭ ހިދުމަތް" ކަމަށް އުމަރު ވިދާޅުވި އެވެ.

ފުލުހުންނަކީ އަބަދުވެސް އަމަލީ ބަޔަކަށް ހަދަން މަސައްކަތް ފަށާފައިވާ ކަމަށް އިޝާރާތް ކުރައްވައި އުމަރު ވިދާޅުވީ ވަކި ރޭންކަކަށް ދިއުމުން އަމަލީ މަސައްކަތް ހުއްޓާލައި އިދާރީ ގޮނޑިއެއްގައި އިށީނުމުގެ ޝައުގު ފުލުހުން ނުގެންގުޅުމަށް އެދިވަޑައިގެންނެވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ފުލުހުން ވަކި ރަށެއްގައި މާގިނަ ދުވަހު ތިބުމަކީ ފުލުހުންނަށް ވެސް އަދި ކުށުގެ ވެއްޓަށް ވެސް އެކަމުގެ އެދެވޭ ބަދަލު ގެނެވޭ ކަމެއް ނޫން ކަން ފަހުގެ ތަޖުރިބާ ތަކުން އެނގޭ ކަމަށެވެ. އަދި އެއްވެއްޓެއްގައި މާގިނަ ދުވަހު މަސައްކަތް ކުރަން ޖެހުމަކީ އެ ފުލުހެއްގެ ވިސްނުމާއި ފިކުރު އެވެއްޓަށް އެކަނި ހުއްޓި، ސިކުނޑީގެ ވިސްނުން ފުޅާ ވުމަށް އެޅޭ ހުރަހެއް ކަމަށް އުމަރު ވިދާޅުވި އެވެ.

"މިހާރު އެކި ރަށްރަށުން ފުލުހުންގެ މަސައްކަތް ބަދަލު ކުރަމުންދާކަން ފާހަގަ ކުރެވޭ. ހުށިޔާރު ފުލުހަކަށް ހެދޭނީ ތަފާތު ވެއްޓެއްގައި މަސައްކަތް ކުރަން ލިބުމުން،" އިންކަންދަރުކޮށި ކުރިމަތީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓާރު ވިދާޅުވި އެވެ.