12 Jan 2011, 15:14
މި އަހަރު އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ އަށް އެދިފައިވާ 15 ފަރާތުގެ ތެރެއިން 13 ފަރާތަކަށް ހުއްދަ ދޫކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ އުމްރާ އަށް ގެންދިއުމުގެ ހުއްދަ އަށް އެދިފައިވާ ހުރިހާ ފަރާތްތަކަކަށް ވެސް ހުއްދަ ދޫކުރަމުން އަންނަ ކަމަށާއި ނަމަވެސް އުމްރާ އަށް ގެންދިއުމަށް އެދުނު 15 ފަރާތުގެ ތެރެއިން ދެ ފަރާތެއްގެ ހުއްދަ އަދި ބަލައި އައިސްފައިނުވާ ކަމަށެވެ.
ހުއްދަ އަށް އެދުނު ފަރާތްތަކުގެ ތެރެއިން ހުއްދަ ނުގެން ގޮސް ވާ ދެ ފަރާތަކީ ޔޫއެސް އުމްރާ ހައްޖު ގުރޫޕާއި ޒައީ ގުރޫޕް ފޯ ހައްޖު އެންޑް އުމްރާ ގުރޫޕް ކަމަށް އަހުމަދުﷲ ވިދާޅުވި އެވެ.
މިއަހަރު އުމްރާ އަށް ގެންދިއުމަށް މިހާރު ހުއްދަ ދޫކޮށްފައިވާ 13 ފަރާތަކީ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕާއި އައްސަފާ ހައްޖު އެންޑް އުމްރާ ގްރޫޕާއި އަލްފަތުހު ހައްޖު އުމްރާ ގްރޫޕާއި ކްލެސިކް ޓްރެވަލް މޯލްޑިވްސް އާއި ޖަމާޢަތު ހުދާ ލިލްހައްޖު ވަލްޢުމްރާ ގްރޫޕާއި މީޤާތު ހައްޖު އުމްރާ ގްރޫޕާއި އެސްބީޓީ ހައްޖު ޢުމްރާ ގްރޫޕާއި އަލްޚައިރު ހައްޖު އެންޑް ޢުމްރާގެ އިތުރުން މަލީޝާ ހައްޖު ގްރޫޕާއި އަދި އަތަމާ ހައްޖު ގްރޫޕެވެ. މީގެ އިތުރުން މި އަހަރު އަލަށް ޢުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ދެ ގްރޫޕަކަށް ވަނީ ދީފަ އެވެ. އެއީ ތައިސީރު ހައްޖު އެންޑް އުމްރާ ގުރޫޕާއި އަދި އައްތަޢުބާ ލިލްހައްޖު ވަލްޢުމްރާ ގްރޫޕެވެ.
މި އަހަރު ޖަމާޢަތްތަކަށް ހުއްދަ ދިނުމުގައި އެ މިނިސްޓްރީން، ޢުމްރާ އަށް ދާ މީހާ އާއެކު އެއްބަސް ވުމެއް ހަދަން ޖެހޭނެ ކަމަށް ވަނީ ޝަރުތު ކޮށްފަ އެވެ. މީގެ އިތުރުން ކޮންމެ ހިޖްރީ އަހަރެއްގެ ޛުލްޤަޢިދާ މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ އަހަރަކު އެ ޖަމާޢަތަކުން މީހުން ޢުމްރާ އަށް ގެންދިޔަ ގޮތުގެ ރިޕޯޓް ހުށަހަޅަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެ ރިޕޯޓުގައި ޢުމްރާ އަށް މީހުން ގެންދިޔަ ޢަދަދާއި އެ މީހުންނަށް ދިން ޚިދުމަތުގެ ތަފްސީލު އޮންނަން ޖެހެ އެވެ.