ސިޔާސީ މަގުސަދުތައް ހާސިލު ކުރުމަށް ފުލުހުންގެ ސިކުނޑިތަކަށް ވެރިވެގަތުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

"ޕޮލިސް މެމޯރިއަލް ޑޭ" ފާހަގަ ކުރުމުގެ ގޮތުން އިސްކަންދަރު ކޮށި ކުރިމަތީ މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ރާއްޖޭގެ މަސްލަހަތު ދެމެހެއްޓުމުގެ ނަމުގައި ނުވަތަ ފުލުހުންނަށް ހެޔޮ އެދުމުގެ ގޮތުން ވިޔަސް ސިޔާސީ ބޭނުމަށް އެއްވެސް ފަރާތަކުން ހަތިޔާރެއްގެ ގޮތުގައި ފުލުހުން ބޭނުން ކުރުމަކީ ގައުމުގެ ހަމަޖެހުމަށް އެކަމުގެ ސަބަބުން ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަށެވެ. އަދި މިއަދު ވެސް ސިޔާސީ ތަފާތު މަގުސަދުތައް ހާސިލު ކުރުމުގެ ބޭނުމަށް އެކި ރޭންކްތަކުގެ ފުލުހުންގެ ސިކުނޑިތަކަށް ވެރިވެ ގަތުމަށް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމީ ފޮރުވެން ނެތް ހަގީގަތެއް ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ޕޮލިސް މެމޯރިއަލް ޑޭ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު:-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސީޕީ ވިދާޅުވީ އެފަދަ ކަންކަމުގެ ސަބަބުން ނުތަނަސްކަމާއި ބިރުވެރިކަން ވަދެ ނުރައްކާތަކަށް ފުލުހުން ހުށަހެޅި އެކަމުގެ ނޭދެވޭ ނަތީޖާތަކެއް ނުކުތަމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ސީޕީ ވަނީ ސިޔާސީ ގޮތުން ވަކި ފައިދާއެއް ހާސިލު ކުރަން މަސައްކަތް ކުރާ ފަރާތްތަކުން ސައިމޭޒު ދަށުގަޔާއި ކޮފީ މޭޒު ދަށުގައި މަޝްވަރާ ކުރާ މައުޟޫއަކަށް ފުލުހުން ނުހެދުމަށް ގޮވާލާފަ އެވެ.

ހުސައިން ވަހީދު ވިދާޅުވީ ވަކި ބައެއްގެ އިޝާރާތަކަށް ފުލުހުންގެ މުއައްސަސާ "ނުގުޑާނެ" ކަމަށެވެ.

"ވަކި މީހެއްގެ އަމިއްލަ މަގުސަދެއް ހާސިލު ކުރަން ކުރާ އިޝާރާތަކަށް ފުލުހުންގެ މުއައްސަސާ ނުގުޑާނެ. ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާނީ ހަރުދަނާ ގާބިލު ބައެއް. ގައުމަށް ފުރާނަ ގުރުބާން ކުރުމަށް ތައްޔާރަށް ތިބި ބައެއް،" ސީޕީ ވަހީދު ވިދާޅުވި އެވެ.
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕޮލިސް މެމޯރިއަލް ޑޭ ގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންނަށް ހަމަލާދީ ފުލުހުންނަށް ގެއްލުން ދިނުމަށް ގޮވާލާ ފަރާތްތަކަށް ގާނޫނުގައި ހުރި އެންމެ ހަރުކަށި ދިނުމަށް ކަމާބެހޭ މުއައްސަސަތާކަ ސީޕީ ވަނީ ގޮވާލާފަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ ވަޒީފާއިން ވަކިވުމަށްފަހު ފުލުހުންގެ ތެރޭ ހުންނަ އާންމުންގެ މައުލޫމާތު މީޑިއާ އާ ނުވަތަ އެހެން ފަރާތަކާ އެއްވެސް ފުލުހަކު ހިއްސާ ކޮށްގެން ނުވާނެ ކަމަށާއި އެކަމަކީ ފުލުހުންގެ ހުވައާ ވެސް ޚިލާފު ކަމެއް ކަމަށެވެ.
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު-- ސަން ފޮޓޯ/ ފަޔާޒު މޫސާ