24 Jul 2014, 00:26
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުތަކުގެ މިނިވަން ތަހުގީގެއް ކުރުމަށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގައި މިއަދު ނެގި ވޯޓުގައި އެ ތަހުގީގު ހިންގުމާ ދެކޮޅަށް އެމެރިކާއިން ވޯޓު ދީފި އެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލްއާއްމުތަކުގެ މިނިވަން ތަހުގީގެއް ކުރުމަށް ހަމައެކަނި ވޯޓު ދިން ގައުމަކީ ވެސް އެމެރިކާއެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ މިނިވަން ތަހުގީގެއް ކުރުމަށް އެކުވެރި ދައުލަތް (އދ) ގެ ހިއުމަން ރައިޓްސް ކައުންސިލުގައި މިއަދު ނެގި ވޯޓުގައި ރާއްޖެ ވެސް ވަނީ ވޯޓު ދީފަ އެވެ.
ރާއްޖޭގެ އިތުރުން އެ ވޯޓުގައި އަވަށްޓެރި އިންޑިއާ އާއި ދުނިޔޭގެ ގަދަ ބާރުތައް ކަމަށްވާ ޗައިނާ އާއި ސައުދީ އަރަބިއްޔާގެ އިތުރުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނެއެވެ.
ޖެނީވާގައި މިއަދު ބޭއްވި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލްއާންމު ތަހުގީގު ކުރުމަށް ފާސް ކުރީ 29 ގައުމަކުން ވޯޓު ދީގެންނެވެ. އަދި އެ ވޯޓުގައި 17 ގައުމަކުން ބައިވެރިވެފައެއް ނުވެ އެވެ. އޭގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގިނަ ގައުމުތަކެއް ހިމެނެ އެވެ.
ހަރުކަށި އިސްރާއީލުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކަށް 16 ދުވަސް ވެފައިވާއިރު، އެ ޖަރީމާތަކުގައި މިހާތަނަށް 650 އަށްވުރެ ގިނަ ޕަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލާފަ އެވެ.
އިސްރާއީލުގެ އަސްކަރިންޔާއާ ދެކޮޅަށް ހަމާސް ޖަމާއަތުން ދިން ހަމަލާތަކެއްގައި މިހާތަނަށް އިސްރާއީލުގެ 32 ސިފައިން ވަނީ މަރާލާފަ އެވެ.
ޖެނީވާގައި މިއަދު ކުރިއަށް ގެންދިޔަ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި އެ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް ނަވީ ޕިއްލޭ ވަނީ އިސްރާއީލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކަކީ 'އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ' އާއި ހިލާފު އަމަލުތަކެއް ކަމަށް ވިދާޅުވެ، އިސްރާއީލުގެ އެ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތައް ކަމަށް ބެލެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
އދ ގެ ހިއުމަން ރައިޓްސް ކައުންސިލުން މިއަދު ނިންމުމަށް ރައްދު ދެމުން، އިސްރާއީލުން ބުނެފައި ވަނީ އެ ކައުންސިލުގެ އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި ހުރިހާ ކަންކޮޅުތަކެއްގެ މީހުން އެކަމާ ދެކޮޅު ހަދަން ޖެހޭ ކަމަށެވެ.