24 Jul 2014, 00:23
ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އެމަނިކުފާން މިހެން ގޮވާލެއްވީ އަދާލަތު ޕާޓީން މާލޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ ފޮށިތަކުގެ ތެރެއިން މަޖީދީމަހުގެ ހުޅަނގު، މާފަންނު ކޮޅުގައި ބަހައްޓާފައި ހުރި ފޮށި ކައިރީގައި ޒިޔާރަތް ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ނިކަމެތި މީހުންނަށް އެހީތެރިވާން "އަޅުގަނޑުމެން އަބަދު ވެސް މަސައްކަތް ކުރަން ޖެހޭނެ" ކަމަށެވެ. އަޅުގަނޑުމެންނަށް ވުރެ ހާލުގައި ތިބި މުސްލިމުންގެ ހާލަތު ބަލައި އެ މީހުންނަށް އަޅާލަންޖެހޭނެ ކަަމަށް އެމަނިކުރާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަބަދު ވެސް މަސައްކަތް ކުރަން ޖެހޭނީ އަޅުގަނޑުމެންނަށް ވުރެ ނިކަމެތި މީހުންނަށް އެހީތެރިވެ ދިނުމަށް. އަޅުގަނޑުމެންނަށް ވުރެ ހާލްގައި ތިބި މުސްލިމުންނަށް އަޅުގަނޑުމެން އަޅާލާން ޖެހޭނެ. އަބަދުވެސް އެމުސްލިމުންގެ ހާލަތާމެދު ވިސްނާން ޖެހޭނެ،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުންނާއެކު ގާޒާ ފަންޑު ފޮށި ކައިރީގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
ޣައްޒާ ފަންޑަށް އެހީތެރިވެ ވަޑައިގަތުމަށް އެދިވަޑައިގަންނަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ފަންޑަށް ހަދިޔާ ކުރާ ފައިސާތަކަކީ ޣައްޒާ ރައްޔިތުންނަށް ލިބޭނެ ފައިސާއެއްކަން "ހުރިހާ ބޭފުޅުން ވެސް ޔަގީންވާ" ކަމަށެވެ.
"އަޅުގަނޑުގެ ވެސް އެދުމަކީ ތިބޭފުޅުންނަށް ވީމިންވަރަކުން މިފޮއްޓަށް އެހީތެރިވެ ދެއްވުން. އަދި ހަމަ އެއާ އެކީ ގައި އަޅުގަނަޑަށް ހުރިހާ ބޭފުޅުންވެސް ޔަގީންކަން އެބަދެއްވާ މިލިބޭ ފައިސާ ހެޔޮގޮތުގައި ޣައްޒާގެ ރައްޔިތުންނަށް ހަރަދުކުރެވިގެން ދާނެ ކަަމަށް. އަޅުގަނޑުގެ ދުއާ އަކީ ހުރިހާ މުސްލިމުންނަށް މިއަދަށް ވުރެ ފާގަތި މާދަމައެއް ލިބުން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ޒަޔަނިސްޓް އިޒުރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިތިބި ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމަށް ފަންޑު ހުޅުވި ފަރާތްތަކަށާއި ފަންޑަށް ފައިސާ ހޯއްދަވަން މަސައްކަތް ކުރައްވާ ހުރިހާ އެންމެންނަށް ނަޝީދު މިއަދު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.