23 Jul 2014, 23:40
މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން އެމެޖެންސީގައި ޖައްސަން އުޅުނު ޓައިވާނުގައި މަތިންދާ ބޯޓެއް ވެއްޓި، 45 މީހުންނަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
ޓައިވާނުގެ ޓްރާސްޕޯޓް މިނިސްޓަރު ޔޭ ކުއާގްސީ އާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ގައި ބުނެފައި ވަނީ، ރޭ ދަންވަރު ޓައިވާނުގެ ދެކުނުގައި އޮންނަ ސިޓީއެއް ކަމަށްވާ ކައޯސިންގް އިން ފުރައިގެން ޕެންގޫގެ ހުޅަނގަށް އޮންނަ މަގޮންގް އަށް ދަތުރުކުރަމުންދިޔަ އެ މަތިންދާބޯޓު ވެއްޓިފައި ވަނީ ޓައިވާން ކައިރީގައި އޮންނަ ޕެންގޫ އައިލެންޑަށް ކަމަށެވެ. އެ ހާދިސާގައި 11 މީހަކު ޒަހަމްވެފައިވަ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
އޭޕީ އިން ބުނާ ގޮތުން، ޓައިވާނުގެ އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ ޓްރާސްއޭޝިއާ އެއާވޭސްގެ އެ ފްލައިޓުން 58 މީހުންނާއި ހަތަރު ކްރޫއިން ދަތުރުކުރި އެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާތީ މަތިންދާ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މަރުވެފައި ވަނީ ކިތައް މީހުން ކަމެއް އަދި ސާފެއްނުވެ އެވެ.
ޓައިވާނުގެ ޑިފެންސް މިނިސްޓަރުގެ ތަރުޖަމާން މޭޖަރު ލުއޯ ޝޯހި ބުނެފައިވަނީ، މަތިންދާ ބޯޓު ވެއްޓުނު ޕެންގޫ އައިލެންޑަށް ގާތްގަނޑަކަށް 200 ސިފައިންގެ މީހުން ފޮނުވާފައިވާ ކަމަށެެވެ.
މީގެ އިތުރުން، ފްލައިޓު ވެއްޓުމުގެ ސަބަބުން ޒަހަމްވި މީހުންނަށް އަސްކަރީ އުޅަނދުތަކާއި އެމްބިއުލާންސްތަކުގައި ޕެންގޫގެ ހޮސްޕިޓަލްތަކަށް ގެންދަމުންދާއިރު، އިތުރު ފަރުވާ ބޭނުންވާ މީހުން ޓައިވާނަށް ގެންދިއުމަށްޓަކަައި ޓައިވާނުގެ އެއާ ފޯސް ރެސްކިއު ޓީމް ވަނީ ކުއްލި ހާލަތަށް ގެނެސްފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ޓައިވާންގެ ސިވިލް އެޑްމިނިސްޓްރޭޝަން ޖީން ޝެން ބުނެފައި ވަނީ، އެ މަތިންދާ ބޯޓު ކައޯސިއަންގް އިން ފުރީ ފަތިހު 4:35 ގައި ކަމަށާއި މަތިންދާ ބޯޓާއި ޓަވަރާ ގުޅުން ކެނޑުނީ އެމަޖެންސީގައި ލޭންޑު ކުރުމަށް ނިންމާފައިވާ ކަމަށް ބުނެ، ހެނދުނު 7:06 ގައި ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެތެރޭގައި ވިއްސާރަވުމުގެ ސަބަބުން ލާއޮސްގެ ލާއޯ އެއާލައިންގެ މަތިންދާ ވަނީ ލައޮސްގެ ދެކުނަށް އޮންނަ ޕަކްސޭ އެއާޕޯޓަށް ވެއްޓި އޭގެން ދަތުރުކުރި 49 މީހުން މަރުވެފަ އެވެ.