ވެލެންސިއާގެ ފްރާންސް ޑިފެންޑަރު ޖެރެމީ މެތިއު، 20 މިލިއަން ޔޫރޯގެ އަގަކަށް ބާސެލޯނާއަށް ސޮއިކޮށްފި އެވެ.

ބާސާއާއެކު ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި މަތިއު ހޯދުމުގެ މަސައްކަތް ބާސާއިން ފަށާފައިވަނީ އެކްލަބުގެ ތަޖުރިބާކާރު ޑިފެންޑަރު ކަލެސް ޕުޔޯލްގެ ރިޓަޔާމަންޓް އިއުލާންކުރުމާ ގުޅިގެންނެވެ. ބާސާއަށް މެތިއު ސޮއިކުރީ ވެލެންސިއާއަށް ފަސް އަހަރު ކުޅުމަށްފަހު އެވެ.

އުމުރުން 30 އަހަރުގެ މެތިއު ބާސާއަށް ސޮއިކުރި އިރު، އެހެން ކްލަބަކުން އޭނާ ހޯދުމަށް ރިލީޒް ފީއެއްގެ ގޮތުގައި 50 މިލިއަން ޔޫރޯގެ ފީއެއް ދައްކަން ޖެހޭނެ އެވެ. އަދި މިހާރު މެތިއުއަކީ ފުޓްބޯޅަ ތާރީހުގައި އުމުރުން 30 އަހަރުން މަތީގެ ކުޅުންތެރިންގެ ތެރެއިން އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ.

"ފްރާންސްގެ ކުޅުންތެރިޔާ ޖެރެމީ މެތިއުގެ ޓްރާންސްފާގައި ބާސެލޯނާ އާއި ވެލެންސިއާއާ ދެމެދު އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެ،" ބާސާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ. "ޓްރާންސްފާގެ އަގަކީ 20 މިލިއަން ޔޫރޯ. އަދި އޭނާގެ ރިލީޒް ފީއަކީ 50 މިލިއަން ޔޫރޯ. ބާސާއާއެކު މެތިއު ސޮއިކުރާނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި."

މެތިއުގެ ސީނިއާ ކެރިޔަރު ފަށާފައި ވަނީ ފްރާންސްގެ ސޮޗައުޒް އިންނެވެ. ވެލެންސިއާއަށް 2009 ވަނަ އަހަރު ސޮއިކުރުމުގެ ކުރިން އޭނާ ވަނީ ފްރާންސްގެ ޓޫލޫސޭއަށް ވެސް ކުޅެފައެވެ.