23 Jul 2014, 21:22
ސްވަންސީ ސިޓީގެ ނެދަލެންޑްސް ގޯލްކީޕަރު މިޝެލް ވޯމް، ޓޮޓެންހަމް ހޮޓްސްޕާއާއެކު ތިން އަހަރުދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން އެއްބަސްވެއްޖެ އެވެ.
މި މަހު ބްރެޒިލްގައި ނިމިގެންދިޔަ ވޯލްޑް ކަޕުގައި ތިންވަނަ މަގާމު ހޯދި ނެދަލެންޑްސް ގައުމީ ޓީމަށް ކުޅުނު ވޯމް މިވަގުތު ހުރީ ޗުއްޓީއެއް ހޭދަކޮށްލުމަށްޓަކައެވެ. ސަވަންސީގެ ބެން ޑޭވިސްއާއެކު އެމެރިކާގައި ޓޮޓެންހަމުން ކުރިއަށް ގެންދާ ފަރިތަކުރުންތަކުގައި މި ހަފްތާތެރޭ ވޯމް ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.
ޓޮޓެންހަމްގެ އެއް ނަންބަރު ގޯލްކީޕަރުގެ މަގާމަށް ވޯމް ވާދަކުރަން ޖެހޭނީ ފްރާންސްގެ ހޫގޯ ލޮރިސްއާއެވެ. ލޮރިސްއާ ވާދަކުރަން ޖެހުނު ނަމަވެސް، އެ ޓީމުގެ ގޯލްކީޕަރުގެ މަގާމަށް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ވޯމް ގަބޫލުކުރެއެވެ.
"ކޮންމެ ކްލަބެއްގެ ސްކޮޑުގައި މޮޅު ދެ ގޯލްކީޕަރުން ހިމެނޭނެ،" 'ޑި ޓެލެގްރާފް'އަށް ދިން އިންޓަވިއުއެއްގައި ވޯމް ބުންޏެވެ. "ކްލަބުގެ ފިލޯސަފީއަކީ ވެސް އެއީ. އަހަރެން ސޮއިކުރުމުން ޓޮޓެންހަމްގައި ލޮރިސް އާއި އަހަރެން ހިމެނޭނެ. ހާއްސަކޮށް އެއް މުބާރާތަށް ވުރެ، ގިނަ މުބާރާތްތަކުގައި ބައިވެރިވާއިރު، އެއް ކީޕަރަށްވުރެ އިތުރަށް ބޭނުންވާނެ."
ޓޮޓެންހަމްއަށް ވޯމް ސޮއިކުރަން ނިންމީ ހިލޭ ޓްރާންސްފާއެއްގެ ދަށުން އާސެނަލްގެ ޕޮލެންޑް ކީޕަރު ލޫކަސް ފަބިއަންސްކީ ސްވަންސީއަށް ސޮއިކުރުމާ ގުޅިގެންނެވެ. ސްވަންސީ ދޫކޮށް، ޓޮޓެންހަމްއަށް ވޯމް ސޮއިކުރަން އުޅެނީ ފަބިއަންސްކީ އައުމުން އެކަމުގެ ބިރުން ކަމަށް މީޑިއާގައި ވާހަކަތައް ދެކެވުނު ނަމަވެސް ވޯމް ވަނީ އެކަން ދޮގުކޮށްފައެވެ.