23 Jul 2014, 21:04
ކ. ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ސަރުކާރުން ސިންގަޕޫރުގެ ކުންފުންޏަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އުފައްދަންޖެހޭ ޖޮއިންޓް ވެންޗާ ކުންފުނި ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީކޮށް ދިނުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސަރުކާރުގެ މައްޗަށް މިދިޔަ ބުދަ ދުވަހު ސިވިލް ކޯޓުން އެފަދަ އަމުރެއް ކޮށްފައި ވަނީ ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ފުށިދިއްފަރު ފަޅު ތަރައްގީ ކުރަން ސިންގަޕޫރުގެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެ އެއްބަސްވުމުގެ ދަށުން އުފައްދަންޖެހޭ ޖޮއިންޓް ވެންޗާ ކުންފުނި ސަރުކާރުން ރަޖިސްޓްރީކޮށް ދީފައިނުވާތީ އެ ކުންފުނީގެ ފަރާތުން އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުންނެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެކުންފުނީގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާ ލިޔުންތަކަށް ރިއާޔަތްކޮށް ހަތް ދުވަހުގެ ތެރޭގައި ޖޮއިންޓު ވެންޗާ ކުންފުނި ރަޖިސްޓްރީ ކޮށްދިނުމަށް ސަރުކާރުގެ މައްޗަށް އަމުރުކުރާ ކަމަށެވެ. އަދި އެ ކުންފުނި ރަޖިސްޓްރީ ކުރާތާ ފަސް ދުވަހުގެ ތެރޭގައި އެ ކުންފުނިން ހުށަހަޅާފައިވާ މާސްޓާ ލީސް އެގްރީމެންޓުގައި ސޮއިކުރުމުގެ އިތުރުން އެގްރީމެންޓުގެ ދަށުން ސަރުކާރުގެ ފަރާތުން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމްތައް އެގްރީމެންޓުގައިވާ ގޮތުގެމަތިން އަދާކުރުމަށް ވެސް ސަރުކާރުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.