19:00


ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމުގެ ގޮތުން ފުލުހުން ޕެޓްރޯލް ކުރުމުގައި ބޭނުންކުރުމަށް ޙާއްސަ ބައިސްކަލެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ތަޢާރަފް ކޮށްދެއްވައިފި އެވެ.


މިކަމަށްޓަކައި މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލީސް އަހުމަދު ފަސީހް ވިދާޅުވީ ފުލުހުންގެ ތެރެއަށް ބައިސްކަލު ތަޢާރަފް ކުރެއްވިއިރު ފުލުހުންގެ ތެރޭގައި 160 ސައިކަލުގެ އިތުރުން އިންޖީނުލީ 107 ވެހިކަލް ބޭނުންކުރަމުންދާ ކަމަށެވެ. އަދި މިއަދު ބައިސްކަލް ފުލުހުންގެ އޮޕަރޭޝަނަށް ތަޢާރަފް ކުރިއިރު ރަށްރަށުގައި ގާއިމްކޮށްފައި ހުރި ފުލުހުންގެ މަރުކަޒުތަކުގައި ވެސް އެބައިސްކަލުތައް ބޭނުންކުރަމުން ގެންދާނެ ކަމަށް ޕޮލީސް ކޮމިޝަނަރ ވިދާޅުވި އެވެ.


އަދި މިކަމަކީ 10 އަހަރު ތެރޭ ދުނިޔޭގެ ފުރަތަމަ ކާބަންނިއުޓްރަލް ގައުމަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތްތައް އެހީތެރިވުމުގެ ގޮތުންނާ އަދި ފުލުހުންގެ 77 ވަނަ އަހަރީ ދުވަހާއި ވެސް ގުޅުވާލައިގެން ކުރެއްވެވި ކަމެއް ކަމަށް ވެސް ފަސީހް ވިދާޅުވި އެވެ.


ޖުމްހޫރީ މައިދާނުގައި އޮތް އެރަސްމިއްޔާތުގައި ބައިސްކަލް، ފުލުހުންގެ އޮޕަރޭޝަނަށް ތަޢާރަފް ކުރުމަށް ދުއްވާލި ދުއްވާލުމުގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ އާއި، ނައިބު ރައީސް އަދި ދައުލަތުގެ އެހެން ބައެއް ވަޒީރުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.