23 Jul 2014, 20:09
އިސްލާމްދީނާއި ގުޅޭ އެކިއެކި މައުލޫމާތުތައް ފެތުރުވުމަށް ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ބައިނަލްއަގްވާމީ ކުންފުނި އުރީދޫއާ އެކު އިސްލާމިކް މިނިސްޓްރީން މެމަރަންޓަމް އޮފް އަންޓަސްޑޭޑިން (އެމްއޯޔޫ)އެއްގައި ސޮއިކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންގެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ ހިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އޫރިދޫއާއެކު މިއަދު ވެވުނު އެއްބަސްވުމަކީ އުރީދޫގެ އިސްނެގުމުގެ މަތިން ހެދި އެއްބަސްވުމެއް ކަމަށެވެ.
އެގޮތުން އުރީދޫއާއެކު ވެވުނު އެއްބަސްވުމުގައިވާ ކަންތައްތަކުގެ ތެރެއިން، އިސްލާމްދީނާއި ގުޅޭ އެކި ކަހަލަ މައުލޫމާތު ލިބޭ މޯބައިލް އެޕްލިކޭޝަނެއް ހެދުމަށާއި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދާ ހައްޖާޖީންނަށް ހާއްސަ ޕެކޭޖެއް ތައާރަފް ކުރުން ހިމެނޭ ކަމަށެވެ.
"...ޒަކާތާއި ވަގުފު ފަންޑުތަކަށް ފައިސާ ހޯދުމުގައި މޯބައިލް ނެޓްވޯކް ބޭނުން ކުރުމާއި މިހާރު ވެސް މޯބައިލް ބޭނުންކޮށްގެން ދެއްކޭ ފިތުރު ޒަކާތް ތަރައްގީކޮށް، ފިތުރު ޒަކާތުގެ އިތުރުން މުދަލު ޒަކާތް ވެސް އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެއްބަސްވުމުގެ ދަށުން އަތޮޅު ތެރޭގައި ގާއިމްކުރާ އިސްލާމީ ސެންޓަރުތަކާއި މިސްކިތްތަކުގެ ތެރެއިން ކަނޑައެޅޭ ތަނެއްގައި އުރީދޫގެ އެންޓަނާއެއް ކުޑަ އަގެއްދީގެން ބެހެއްޓުންވެސް ހިމަނާފައިވާ ކަމަށް މިނިސްޓަރު ޝަހީމު ވިދާޅުވި އެވެ.
"އަޅުނގަޑުމެންވެސް އުރީދޫއަށް ހިދުމަތެއް ދިނުން. މިސާލަކަށް މިސްކިތެއްގެ ގޯތިތެރޭގައި އެބޭފުޅުންގެ އެންޓަނާއެއް ބެހެއްޓުން. އޭގެ ބަދަލުގައި އެބޭފުޅުން އެ މިސްކިތްތައް މަރާމާތު ކޮށްދިނުންފަދަ ގޮތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.