ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި އޮންނަ ޕާކިން ސަރަހައްދު އެމްޓީސީސީއާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި އަމުރާ އެއްގޮތަށް، އެ ބިން އެމްޓީސީސީއާ ހަވާލުކުރުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވީ، މީގެ ކުރިން އެ ބިން ހުސްކުރުމަށްފަހު އެމްޓީސީސީއާ ހަވާލު ނުކުރެވި އޮތީ އެމްޓީސީސީން އެތަނުގައި އިމާރާތް ކުރުމަށް ތައްޔާރުކޮށްފައި ވާ ކުރެހުން ކުރަހާފައި ވަނީ އެ ކުންފުންޏާ ހަވާލު ކުރެވިފައި ނުވާ ސަރަހައްދެއް ވެސް ހިމަނައިގެން ކަމަށްވާތީ ކަމަށެވެ.

މާލޭގައި ޕާކު ކުރާނެ ސަރަހައްދެއް ނެތް އިރެއްގައި، އާއްމުންގެ ސައިކަލްތައް ޕާކުކުރަމުންދާ އެފަދަ ސަރަހައްދެއް ނެގުމަކީ ސިޓީ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

ވިލިމާލެއަށް އެކަށީގެންވާ ގޮތެއްގައި ފެރީގެ ހިދުމަތް ދިނުމަށާއި ފެރީގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އެމްޓީސީސީއާ އެ ބިން ހަވާލުކުރީ 2008 ވަނަ އަހަރުގެ ޖޫން މަހުގައި ރައީސް މައުމޫނުގެ ސަރުކާރުންނެވެ. ނަމަވެސް އެމްޓީސީސީއާ އެ ބިން ހަވާލުކޮށްފައި ވަނިކޮށް ސިޓީ ކައުންސިލުން އެތަން ޕާކިން އޭރިއާއެއްގެ ގޮތުގައި ބޭނުންކުރާތީ އެ މައްސަލަ އެމްޓީސީސީން ކޯޓަށް ހުށަހެޅިއެވެ.

އެއްބަސްވުމާ އެއްގޮތަށް އެ ބިން އެމްޓީސީސީއަށް ދިނުމަށް ސިވިލް ކޯޓުން މާލޭ ސިޓީ ކައުންސިލަށް ހުކުމްކުރީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ.