23 Jul 2014, 17:17
އައްޑޫ ސިޓީގައި އިމިގްރޭޝަން ސަދަން ރީޖަނަލް އޮފީހުގެ ނަމުގައި އިދާރާއެއް ގާއިމްކޮށް އެ އިދާރާއިން ޕާސްޕޯޓްގެ ހިދުމަތް ލިބޭނެގޮތް ހަމަޖައްސައިފި އެވެ.
އައްޑޫ ސިޓީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އިމިގްރޭޝަންގެ އިދާރާއެއް އެ ސިޓީގައި ހުޅުއްވައި ދެއްވުމަށް ފަހު ޕާސްޕޯޓުގެ ހިދުމަތް ތައާރަފްކޮށް ދެއްވީ، ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް އެވެ. މި ރަސްމިއްޔާތުގައި އައްޑޫސިޓީގެ މޭޔަރު ޢަބްދުﷲ ސާދިގާއި އިމިގްރޭޝަން ކޮންޓްރޯލަރު ހުސެއިން އަލީ ބައިވެރިވެވަޑައިގެންނެވި އެވެ.
'ސަން'އަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަން ކޮންޓްރޯލަރު ހުސެއިން އަލީ ވިދާޅުވީ، އައްޑޫ ސިޓީގައި އެ ހިދުމަތް ތައާރަފް ކުރުމާއެކު މިއަދުން ފެށިގެން އަންގާރަ ދުވަސް ފިޔަވައި ބަންދުނޫން ކޮންމެ ދުވަހެއްގެ ސަރުކާރު ހިދުމަތްދޭ ގަޑިތަކުގައި ޕާސްޕޯޓު ހަދަންއެދޭ ފޯމް ހުށައެޅޭނެ ކަމަށެވެ. އަދި ބަންދު ނޫން ކޮންމެ ދުވަހެއްގައި ވެސް ޕާސްޕޯޓު ދޫކުރުން ކުރިޔަށް ދާނެ ކަމަށް ކޮންޓްރޯލަރު ވިދާޅުވި އެވެ.
ހުސެއިން އަލީ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ބޭނުންވާ އެފަދަ މުހިންމު ހުރިހާ ހިދުމަތެއް ރައްޔިތުންނާ ގާތުން ވީހާވެސް ލުއި ގޮތަކަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި މިއަދު އިމިގްރޭޝަންގެ އިދާރާއެއް ހުޅުވައި ޕާސްޕޯޓުގެ ހިދުމަތް ދޭން ފަށާފައި ވާއިރު އެތަނުން އިމިގްރޭޝަނާ ބެހޭ އެހެން ހުރިހާ ހިދުމަތެއް ވެސް ލިބޭނެ ކަމަށެވެ. އަދި ބިދޭސީންނާ ބެހޭ ހުރިހާ ހިދުމަތެއް ވެސް މިއަދުން ފެށިގެން އައްޑޫ ސިޓީގައި ލިބިގެން ދާނެ ކަމަށް ކޮންޓްރޯލަރު ވިދާޅުވި އެވެ.
އިމިގްރޭޝަންގެ އިދާރާއެއް އައްޑޫގައި މިއަދު ހުޅުވާފައި ވާއިރު މިމަހު 25 ގައި ހދ. ކުޅުދުއްފުށީގައި ވެސް އިމިގްރޭޝަންގެ ހިދުމަތް ތައާރަފް ކުރުމަށް ވަނީ ހަމަޖެހިފައެވެ.