ލ. މާވަށު މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން އިމާރާތްކުރަން ހަމަޖެހިފައިވާ މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފިއެވެ.

މިމަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިޔާތު ބޭއްވިފައިވަނީ މިއަދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައެވެ. ޑިޕާޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޚާލިދު ގާސިމެވެ. ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރު މުޙައްމަދު ޖަލާލް އިބްރާހިމެވެ.

މި މަޝްރޫޢަށް ކޮންސަލްޓެންސީ ދެއްވާނީ އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓް (އޯޕީޕީ) ގެ ފަރާތުންނެވެ.

ލ. މާވަށުގައި އިމާރާތްކުރެވޭ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތުގެ މަސައްކަތުގެ ޖުމްލަ އަގަކީ 4,492,114.39 (ހަތަރުމިލިއަން ހަތަރުލައްކަ ނުވަދިހަދެހާސް އެއްސަތޭކަ ސާދަރުފިޔާ ތިރީސްނުވަލާރި) އެވެ. މަސައްކަތް ނިންމަން ކަނޑައެޅިފައިވާ މުއްދަކީ 150 (ސަތޭކަ ފަންސާސް) ދުވަހެވެ.