23 Jul 2014, 16:57
މޮނާކޯއިން ރެއާލް މެޑްރިޑަށް އިއްޔެ ސޮއިކުރި ހަމެސް ރޮޑްރިގޭޒް، މެޑްރިޑްގައި ކުރިއަށްދާން ބޭނުންވަނީ އެ ކްލަބުގެ ފްރާންސް ލެޖެންޑް ޒައިނުއްދީން ޒިދާނުގެ ފިޔަވަޅު މަތިން ކަމަށް ރޮޑްރިގޭޒް ބުނެފި އެވެ.
އުމުރުން 23 އަހަރުގެ ކޮލަމްބިއާ މިޑްފީލްޑަރު ރޮޑްރިގޭޒް، މެޑްރިޑަށް ސޮއިކުރީ 80 މިލިއަން ޔޫރޯގެ އަގަކަށެވެ. މި ޓްރާންސްފާގެ ސަބަބުން މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގެރެތު ބޭލްއަށް ފަހު، މެޑްރިޑްގެ އެންމެ އަގުބޮޑު ކުޅުންތެރިއަކީ ރޮޑްރިގޭޒެވެ.
"ޒިދާންއަކީ އަބަދުވެސް އަހަރެންގެ އައިޑޮލްއެއް،" ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޮޑްރިގޭޒް ބުންޏެވެ. "އަހަރެންނަކީ ޒިދާން، ރޮނާލްޑޯ އަދި ރޮބާޓޯ ކާލޯސްގެ ސަޕޯޓަރެއް. އަހަރެންނަކީ އަބަދުވެސް ރެއާލް މެޑްރިޑްގެ ސަޕޯޓަރެއް. މި ކްލަބަށް ކުޅުމަކީ އަހަރެން ދެކެމުން އައި ހުވަފެނެއް،"
މޮނާކޯއަށް ކުޅޭ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކޮލަމްބިއާގެ ދެވަނަ ތަރި ރަޑެމައެލް ފަލްކާއޯ ހޯދުމަށް ވެސް މެޑްރިޑުން ދަނީ މަސައްކަތް ކުރަމުންނެވެ. މެޑްރިޑާ ގުޅުމުގެ ގޮތުން ފަލްކާއޯ އެއްވެސް ވާހަކައެއް ދައްކާފައި ނުވާކަމަށް މިދިޔަ ސީޒަނުގައި މޮނާކޯއަށް އޭނާއާއެކު ކުޅުނު ރޮޑްރިގޭޒް ބުންޏެވެ.
"އެކަމާއި ބެހޭގޮތުން އަހަރެން ކައިރީ އޭނާ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވޭ. އެކަމާ ބެހޭގޮތުން އަހަރެމެން އެއްވެސް ވާހަކައެއް ނުދައްކަން. ފަލްކާއޯއަކީ މޮޅު ފޯވަޑެއް. މެޑްރިޑުގައި އޭނާގެ ފެންވަރު ދައްކާލެވިދާނެ. ފަލްކާއޯ ކުޅޭނެ ކްލަބެއް ނިންމާނީ މޮނާކޯއިން."
ރެއާލް މެޑްރިޑްގައި ރޮޑްރިގޭޒް ބޭނުންކުރާނީ އެ ކްލަބުގެ މަޝްހޫރު ދިހަ ނަންބަރު ޖާޒީ އެވެ. މެޑްރިޑްގައި ދިހަ ނަންބަރު ޖާޒީގައި ކުޅުނު މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ކްލެރަންސް ސީޑޯފް އާއި ލުއިސް ފީގޯ ފަދަ ކުޅުންތެރިން ހިމެނެ އެވެ.