23 Jul 2014, 16:44
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އަންގާ އެންގުމަކަށް ތަބާ ނުވެއްޖެ ނަމަ ތިސް މަސްދުވަހަށް ގޭބަންދު ކުރުމުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ދިނުމަށް އެ ކޮމިޝަންގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހިޔުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 26 ވަނަ މާއްދާ އަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ، އެ ކޮމިޝަނުގެ އެންގުމަށް ތަބާ ނުވެއްޖެ ނަމަ އަދަބެއްގެ ގޮތުގައި 3000 ރުފިޔާ އާއި 25000 ރުފިޔާއާ ދެމެދުގެ އަދަދުކުން އެ ފަރާތެއް ޖޫރިމާނާ ކުރުމަށެވެ.
"ކޮމިޝަންގެ އެންގުމަށް ތަބާނުވެއްޖެ ފަރާތެއް ފަރުދީގޮތުން 3،000ރ. އާއި 25،000ރ. އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ" ޖައުފަރު ދާއޫދު ހުށަހެޅުއްވި އިސްލާހުގައި ވެއެވެ.
ހިޔުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް ޖައުފަރު ހުށަހެޅުއްވި އިސްލާހުގައި ވާ ގޮތުން ދައުލަތުގެ ވަޒީފާއެއްގައި އުޅޭ މީހަކު އެޗްއާރުސީއެމްގެ އަމުރަށް ކިޔަވަމަން ނުވެއްޖެ އެ މީހަކު ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި 14 ދުވަހަށް ސަސްޕެންޑް ކުރާގޮތަށް ހަމަޖެއްސުމަށެވެ.
މިއަދުގެ ޖަލްސާގައި އެ އިސްލާހަށް ބަހުސް ކުރެއްވި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހިޔުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ކޮމިޝަންގެ ބާރު ކަނޑުވާލުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. އެގޮތުން ސަރުކާރުން މަސައްކަތް ކުރަނީ މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި ހުރިހާ ބާރެއް ރައީސުލްޖުމްހޫރީއްޔާގެ އަތް މައްޗަށް ގެދިއުމަށް ކަަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ.
އިދިކޮޅު މެންބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕަލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، މިހާރު ހިޔުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ އަދަބަކީ މާ ބޮޑު އަދަބެއް ކަމަށާއި އެ އަދަބު ކުޑަކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ގޭގައި ބަންދު ކުރުމުގެ އަދަބަކީ ޖިނާއީ އަދަބެއް ކަަމަށާއި އެހެން ކަމުން އެ އަދަބަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.