23 Jul 2014, 15:43
ރާއްޖެ ޓީވީން އިންތިޒާމް ކޮށްގެން ކުރިޔަށްގެންދާ "މައިލޯ ކޭޖް" ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ހަތަރު ޓީމެއް ދަތުރުކޮށްފި އެވެ.
އެ މުބާރާތުގެ ދެ ވަނަ ބުރުގައި އިއްޔެ ކުޅުނު މެޗްތައް ކާމިޔާބު ކޮށްގެން ކުއާޓާ ފައިނަލަށް ދަތުރު ކުރި ހަތަރު ޓީމަކީ ކުލަބް ރިވަލްސާ އާއި އެފްސީ ވައިފައި އާއި ނާކޮޅު އަދި އެލްޕީ ސްޕޯޓްސް ކުލަބެވެ.
މުބާރާތުގެ ގަދަ 16 ޓީމުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޕީކޭ ކަޔޯޓީސް އާއި ޕީކޭ އޯލްސްޓާއެވެ. ދެވަނަ މެޗުގައި ބައްދަކު ކުރާނީ އެފްސީ އެފް އާއި ޔޫއެން ފްރެންޑްސްއެވެ. ތިން ވަނަ މެޗުގައި ބައްދަލު ކުރާނީ އެލްޕީ ސްޕޯޓްސް ކްލަބާއި ރަސްކިންގް އެވެ. އެ ދުވަހުގެ ފަހު މެޗުގައި ބައްދަކު ކުރާނީ ޕީކޭ ސޫރިޔަންސް އާއި ގުއްޓު އެފްސީ އެވެ.
ގަދަ 16 ޓީމު ކުޅޭ ދެވަނަ ބުރުގެ 8 މެޗު ކުރިޔަށްދާނީ ނޮކްއައުޓް އުސޫލުންނެވެ. ދެވަނަ ބުރުން މޮޅުވާ ހަތަރު ޓީމަށް ކުއާޓާ ފައިނަލްގެ ފުރުސަތު ލިބިގެންދާއިރު ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ. ސެމީފައިނަލްގެ މެޗުތައް ކުޅޭނީ އާދިއްތަ ދުވަހުއެވެ.
މައިލޯ ކޭޖް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނައަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައި ވެއެވެ.
ޖުމްލަ 33 ޓީމު ވާދަކުރާ މިމުބާރާތުގެ ކުޅުން އީދު ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.