23 Jul 2014, 15:40
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ ތެރެއިން ޑިއުޓީ ފްރީ ފިހާރައިގެ މުވައްޒަފުންނަށް ބޮޑު އަދަދުތަކެއް ދޭން ނިންމާފައިވާ ކަމަށް ބުނެ ލީކް ކޮށްލާފައިވާ ބޯނަސް ޝީޓަކީ ސައްހަ ޝީޓެއް ނޫން ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފިއެވެ.
ޑިއުޓީ ފްރީ ފިހާރަތަކުގެ މުވައްޒަފުންނަށް ދިނުމަށް އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވާ ކަމަށް ބުނެ ލީކުކޮށްލައިފައިވާ ޝީޓްގައި އެންމެ ބޮޑު ބޯނަސް އެއް ލިބެނީ ޑިއުޓީ ފްރީ ފިހާރަ ހިންގުމާ ހަވާލުވެ ހުންނަ ބިދޭސީ ވެރިޔާ އަށެވެ. އޭނާ އަށް މިލިއަނަކާ ގާތަށް ބޯނަސް ލިބޭނެ ކަމަށް ލީކު ކޮށްލައިފައިވާ ޝީޓުގައިވެ އެވެ. އޭނާ އަށް ލިބޭ ކަމަށް އެ ޝީޓުގައިވާ އަދަދަކީ އެއްފަހަރާ 848963.52 ރުފިޔާ އެވެ. ދެން ތިބި އެގްޒެކްޓިވް ލެވެލްގެ ބައެއް ފަރާތްތަކަށް ވެސް ބޯނަސްގެ ގޮތުގައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ލިބެ އެވެ. އެމީހުންގެ ތެރޭ ބިދޭސީ މުވައްޒަފުން ވެސް ހިމެނެ އެވެ.
އެކަމާއި ގުޅިގެން އެމްއޭސީއެލްގެ ބަހެއް ހޯދުމަށް އެކުންފުނީގެ ވެރީންނަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ. އެބޭފުޅުން ފޯނަށް ޖަވާބު ނުދެއްވާތީ ސަން ގެ ނޫސްވެރިން މިއަދު ވަނީ އެއާޕޯޓްގައި ހުންނަ އެމްއޭސީއެލްގެ އޮފީހަށް ގޮސް އެކަމާއި ގުޅޭގޮތުން އެކުންފުނީގެ ބަހެއް ހޯދުމަށް މަސައްކަތްކޮށް އެކަން ކާމިޔާބުކޮށްފައެވެ.
އެމްއޭސީއެލްގެ އޮފީހުގައި ހުންނަވައިގެން ސަން އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމްއޭސީއެލްގެ މެނޭޖާ ކޯޕަރޭޓް ކޮމިއުނިކޭޝަން، ހަސަން އަރީފް މިއަދު ވިދާޅުވީ ބޯނަސް ޝީޓު ކަމަށް ބުނެ ލީކް ކޮށްލާފައިވާ ޝީޓަކީ ސައްހަ ޝީޓެއް ނޫން ކަމަށެވެ.
"ލީކްވެގެން އެއުޅޭ އިންފޮމޭޝަން އަކީ ސައްހަ އިންފޮމޭޝަނަކަށް ނުވޭ، އެއަކު ނެތް ކޮމްޕެނީ ސީލެއް ވެސް، އެއީ ދެން ކޮންމެވެސް ތާކުން ލީކްވެފައި އޮތްއެއްޗެއް، ކުންފުނިން ބޯނަސް ނުވެސް ދެނިކޮށް ތޯތޯ އަކަށް ހައިޕެއް ކްރިއޭޓްވެގެން މިއުޅެނީ،" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ބޯނަސް އަކީ އެންމެ އެދެވޭ ގޮތަށް ދެވޭ އެއްޗަކަށް ހެދުމަށް ޓަކައި އެކުންފުނީގެ ބޯޑުން މިހާރު ނިންމާފައި ވަނީ ބޯނަސްދޭ އުސޫލު މުރާޖައާ ކުރަން ކަމަށެވެ. އަދި އެކަން އަންނަ މަހުގެ 31 ގެ ކުރިން ނިންމައި އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލްގެ އުސޫލު އޮންނަ ގޮތުން ނަމަ ކޮންމެ އަހަރެއްގެ ސާފު ފައިދާއިން ވަކި ޕަސެންޓެއް ބޯނަސް ފައިސާގެ ގޮތުގައި ބަހަން ޖެހެއެވެ. ނަމަވެސް އިންޑިއާގެ ޖީއެމްއާރްގެ އަތުން އެއާޕޯޓް ނެގިފަހުން އަދި މިހާތަނަށް ބޯނަސް ފައިސާ ބަހާފައެއް ނުވެއެވެ. އެއީ ކީއްވެގެންތޯ ސުވާލު ކުރުމުން ހަސަން ވިދާޅުވީ "ބޯނަސް ނުބެހި އެއޮތީ ޖީއެމްއާރް އާއި އެމްއޭސީލްއެލްގެ މެނޭޖްމަންޓް ބަދަލުވުމުން ހިނގި ކަންކަމުގެ ސަބަބުން." ކަމަށެވެ.
ބޯނަސް ބަހަން ބޯޑުން މިފަހަރު ނިންމައިގެން މި އުޅެނީ ކޮން އުސޫލަކުންތޯ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެސުވާލަކަށް ހަސަން ޖަވާބެއް ނުދެއްވި އެވެ. އެމްއޭސީއެލް އިން ބޯނަސް ދޭނެ ވަކި އުސޫލެއް ކަނޑައަޅައި އެކަން މުވައްޒަފުންނަށް އަންގާފައި ވާނެތޯ ސުވާލުކުރުމުން ވެސް އޭނާ ޖަވާބެއް ނުދެއްވައެވެ.
ބޯނަސް ދޭނެ އުސޫލާއި މެދު ހިތްހަމަނުޖެހިގެން އެމްއޭސީއެލްގެ މުވައްޒަފުން މުޒާހަރާ ކުރަން ފަށާފައިވަނީ އިއްޔެއެވެ. އެމުޒާހަރާ މިއަދު ހެނދުނު ވެސް އެއާޕޯޓްގައި ކޮށްފައި ވެއެވެ. އެމްއޭސީއެލްގެ މެނޭޖިންގް ޑައިރެކްޓާ ބަންދު އިބްރާހިމް ސަލީމް މުވައްޒަފުންނާ ބައްދަލުކުރައްވައި، ބޯނަސް ހަމަހަމަކޮށް ދެއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ހެނދުނު 11 ޖަހާ އެހާކަށްހާއިރު މުޒާހަރާ ވަނީ ހުއްޓާލާފައެވެ.
އެމްޑީ ސަލީމް އެހެން ވިދާޅުވުމަށް ފަހު އެމްއޭސީއެލް އިން ފުރަތަމަ ނެރުނު އިއުލާންގައި ބުނެފައިވަނީ ބޯނަސް ބެހުމާއި ގުޅޭގޮތުން އަންނަ މަހު 31 ގެކުރިން ގޮތެއް ނިންމައި އިއުލާން ކުރާނެ ކަމަށެވެ. އެއިއުލާނާ މުޒާހަރާގެ ބައިވެރިން ވަނީ ދެކޮޅު ހަދާފައެވެ. ހަމަހަމަކޮށް ބަހާނެ ކަމަށް އެސިޓީގައި ހިމެނުމަށް މުޒާހަރާގެ ބައިވެރިން ގޮވައި އަޑުގަދަ ކުރާން ފެށުމުން އެމްއޭސީއެލް އިން ވަނީ ހަމަހަމަކޮށް ބެހުމަށް މަޝްވަރާ ކުރުމަށް ފަހު އަންނަ މަހު 31 ގައި އަންގާނެ ކަމަށް ބުނެ އެއިއުލާން ބަދަލުކޮށްފައެވެ.