23 Jul 2014, 14:34
އިސްރާއީލުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމުގެ ސިޔާސަތު ސަރުކާރުން އާންމުކުރުމާއި ގުޅިގެން އެކަންތައް އަންނަ ހަފްތާ ތެރޭގައި ތަންފީޒުކުރަން ފަށާނެ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އަހުމަދު މުހައްމަދު މިހެން ވިދާޅުވީ، ހދ. ހަނިމާދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަސްޓަމްސްގެ އިމާރާތް އެޅުމަށް ކުންފުންޏަކާ ހަވާލުކޮށް، އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"އަޅުގަނޑުގެ އުންމީދަކީ މިހާރު ވެސް ކަސްޓަމްސްއިން މިކަމުގައި ކުރިއަށްދާންވީ އުސޫލެއް އެތެރޭގައި ތައްޔާރުކޮށްފައި އޮތީ. އިރާދަކުރެއްވިއްޔާ އަންނަ ހަފްތާތެރޭގައި އިސްރާއީލުގެ ތަކެތި ރާއްޖެއަށް އެތެރެ ނުކުރެވޭގޮތް ތަންފީޒުކުރާނަން،" އަހުމަދު ވިދާޅުވި އެވެ. "އިސްރާއީލުގެ އުފެއްދުންތައް ރާއްޖޭއަށް އެތެރެކުރުން މަނާކުރުމުގެ ސިޔާސަތު ސަރުކާރުން އާންމުކުރައްވާފައި އެވަނީ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ކަސްޓަމްސް ގުޅިގެން މިކަމުގައި ގެންގުޅޭނެ މިންގަނޑުތަކެއް ތައްޔާރުކޮށް، އެ މިންގަނޑުތަކުގެ ތެރެއިން މިކަން ހުއްޓުވުމަށް މަސައްކަތްކުރާނަން،"
އަހްމަދު މުހައްމަދު ވިދާޅުވީ، "ކަންޓްރީ އޮފް އޮރިޖިން" އެއީ އިސްރާއީލުގެ އެއްޗެހި ކަމުގައިވާ ނަމަ، އެ އެއްޗެއް ރާއްޖެއަކަށް އެތެރެއެއް ނުވާނެ ކަމަށާއި އިސްރާއީލުގެ ބަނދަރަކުން އަންނަ މުދާ ވެސް ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމުގެ މަސައްކަތްކުރާނެ ކަމަށެވެ.
"މިކަމާއި ބެހޭގޮތުން އިކޮނިމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީއާ ވާހަކަދެކެވިގެން އަޅުގަނޑުމެންނަށް އެކަން ތަންފީޒުކުރަން ފެށޭނީ. އަދި މާލޭގެ ބާޒާރުގައި މިވަގުތު ހުރި އެއްޗެއްސަށް ހަދާނީ ކިހިނެތްތޯ ވެސް އަޅުގަނޑުމެން ގޮތެއް ނިންމަން ޖެހިފައި އޮތީ. މިކަންތައް ހުއްޓުވުމަށް އުސޫލެއް ތައްޔާރުކޮށްލައިގެން ކުރިއަށް ގެންދެވޭނީ. މިހާރު ވެސް ބާޒާރުގައި ހުރި ބައެއް ތަކެތި ވެސް އެބަހުރި. ބޮންޑަޑް ވެއާ ހައުސްތަކުގައި ހުރި ރާ ވެސް އެބަ ހިމެނޭ. އަދި ރާއްޖެއަށް އެތެރެކުރެވޭ ބައެއް އެހެން ޕްރޮޑްކްޓްތައް ވެސް އެބަހުރި. ބައެއް ހާބްސް ކަހަލަ ތަކެއްޗާއި ލޯޝަނާއި ލެންސް ސޮލިއުޝަން ކަހަލަ އެއްޗެހި މީގެ ތެރޭގައި ހިމެނޭ،" އަހުމަދު ވިދާޅުވި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވީ، މިދިޔަ އަހަރު ގާތްގަނޑަކަށް ނުވަ ވަރަކަށް މިލިއަން ރުފިޔާގެ އަގުގެ ތަކެތި އިސްރާއީލުން ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށާއި މިއަހަރު ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާގެ ތަކެތި އިސްރާއީލުން އެތެރެކޮށްފައިވާކަން ކަސްޓަމްސްގެ ހިސާބުތަކުން ދައްކާ ކަމަށެވެ.
އިސްރާއީލުގައި އުފައްދާ ތަކެތި ރާއްޖެ އެތެރެ ކުރުން މަނާ ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، އެގައުމާއެކު ދިވެހި ސަރުކާރުން ހަދާފައިވާ ތިން އެއްބަސްވުމެއް އުވާލާފައިވާ ކަމަށް ސަރުކާރުން މި ހަފްތާތެރޭ ބުނެފައި ވެއެވެ.