ކުޅިވަރަށް ހާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެވޭ އެވޯޑް، "މައިލޯ ކަލާސް އެވޯޑް"އަށް 27 ސްކޫލަކުން 158 ދަރިވަރުންގެ ނަން ހުށަހަޅައިފި ކަމަށް އެޑިއުކޭޝަން މިނިސްްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްްޓްރީން ބުނީ، އަންނަ މަހުގެ 10 ވަނަ ދުވަހު ދަރުބާރުގޭގައި ބާއްވާ އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވާ ކަމަށެވެ. އަދި މައިލޯ ކަލާސް އެވޯޑަށް ނަން ހުށަހެޅުމަށް މިދިޔަ މޭ މަހުގެ 24އިން ޖުލައި މަހުގެ 17އަށް ހުޅުވާޅި ފުރުސަތުގައި 27 ސްކޫލަކުން 90 އަންހެން ދަރިވަރުންނާއި 68 ފިރިހެން ދަރިވަރުންގެ ނަން ހުށަހަޅާފައި ވާ ކަމަށެވެ.

މައިލޯ ކަލާސް އެވޯޑަށް ނަން ހުށަހެޅި ކުދިންގެ ތެރެއިން ވަނަވަނައަށް އަންނަ ކުދިން ލިސްޓް ކުރުމުގެ މަސައްކަތް މިހާރު އެޑިއުކޭޝަން މިނިސްޓްރީގެ އިވެލުއޭޝަން ކޮމިޓީން ދަނީކުރަމުންނެވެ. އަދި އެ އެވޯޑްގެ ވަނަވަނައަށް އަންނަ ކުދިން ކަނޑައެޅުމުގައި ބަލާނީ ޕޮއިންޓް އުސޫލުން ކަމަށާއި އެގޮތުން ސްކޫލް ފެންވަރުގައާއި ގައުމީ ފެންވަރުގައި އަދި ބައިނަލްއަގްވާމީ ފެންވަރުގައި ކާމިޔާބީ ހޯދާފައިވާ ދަރިވަރުންނަށް އިސްކަންދެވިގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މައިލޯ ކަލާސް އެވޯޑަކީ ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން އެކިއެކި ކުޅިވަރުން ރަން ވަނަ ހޯދާ ދަރިވަރުންނަށް އެކުދިންގެ ކާމިޔާބީ ގައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ ގޮތުން ތައާރަފް ކުރެވުނު އެވޯޑެއް ކަމަށެވެ.

ދިހަ ކުޅިވަރަކުން އެ އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ކުޅިވަރު ތަކަކީ އެތުލެޓިކްސް، ފެތުން، ބެޑްމިންޓަން، ޓޭބަލް ޓެނިސް، ފުޓްބޯޅަ، ކްރިކެޓް، ވޮލީބޯޅަ، ބާސްކެޓް ބޯޅަ، ނެޓްބޯލް އަދި ޓެނިސް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.